ދީނަށް ފުރައްސާރަ ކުރުމާ ދެކޮޅު ގާނޫނެއްގެ ފަސްމަންޒަރު
ޕާކިސްތާނަކީ އަގީދާތަކާއި މުޤައްދަސް ޝިއާރުތަކަށް އިހާނަތްތެރިކޮށް ހިތާ މީހުންނަށް ގާނޫނުލްއުގޫބާތުން އަދަބު ދޭ ގައުމެކެވެ. ޕާކިސްތާންގެ "ތައުހީނޭ ރިސާލަތު"ގެ ގާނޫނު ފުޅާކުރެވިފައި ވަނީ 1980ގެ އަހަރުގެ ތެރޭގައެވެ. އެހިސާބުން ފެށިގެން މިހާތަނަށް އައި އިރު، ޝަރީއަތުން އެއްވެސް މީހެއްގެ މައްޗަށް މަރުގެ ނިޔާ ތަންފީޒުކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މިގާނޫނުގެ ނަމުގައި މީހުންގެ ފުރާނަ ގެއްލިގެން ގޮސްފައި ވެއެވެ. ދީނަށް ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ޝަރީއަތް ކުރެވުނު މީހުންނާއި އެމީހުންގެ ވަކީލުންނާއި އެ ގާނޫނަށް ފާޑުކީ މީހުން ވަނީ ޕާކިސްތާންގެ މަގު މަތީގައި ކަރު ބުރިކޮށްލެވިފައެވެ. ނުވަތަ މަރައި ލެވިފައެވެ. 1987ން 2017އާ ހަމައަށް 75 މީހަކު މަރާލެވިފައި ވެއެވެ.
ސިޔާސީ ކެމްޕޭނެއްގެ ތެރޭން ބައެއް މީހުން މި ގާނޫނުގެ ވަކިތަކުން ސަލާމާތްވެސް ވެއެވެ. ދީނަށް ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި، ކެނެޑާއަށް ހިޖުރަކުރެވުނު އާއިޝާ ބިބީ (އޮކްޓޯބަރު 2018) އަކީ ސިޔާސީ ފިއްތުންތަކާހެދި މި ގާނޫނުގެ ވަކިތަކުން ސަލާމަތްވި މީހެކެވެ.
ޕާކިސްތާންގައި ދީނަށް ފުރައްސާރަ ކުރުމުގެ ތުހުމަތުގައި މަރުވެފައިވާ / ހުކުމް ކޮށްފައިވާ ގިނަ މީހުންނަކީ، ސުންނީ މުސްލިމުންނެވެ. އޭގެ އިތުރުން ކްރިސްޓިއަނުންނާއި ހިންދީންނާއި ގާދިޔާނީން ހިމެނެއެވެ.
1953ން 2012އަށް ތައުހީނޭ ރިސާލަތު ގާނޫނުގެ ދަށުން 434 މީހެއްގެ ޝަރީއަތް ކުރެވުނެވެ. ޕާކިސްތާންގައި ބައެއް ސިޔާސީ ހަރަކާތްތެރިން ބޭނުންވަނީ ތައުހީނޭ ރިސާލަތު ގާނޫނު އަދި އިތުރަށްވެސް ފުޅާ ކުރާށެވެ. މިއިން އެއް ޕާޓީއަކީ މިހާރު އެމީހުންގެ ޖަމާއަތް މަނާ ކުރެވިފައިވާ ތަޙްރީކޭ ލައްބައިކަ ޔާރަސޫލުﷲ ޕާޓީގެ މީހުންނެވެ. މިއީ އަހުލުއްސުންނާގެ ތެރޭގައި ހިމެނޭ ބްރޭލްވީ ޖަމާއަތުގެ މީހުންނެވެ. ބްރޭލްވީ ޖަމާއަތުގެ މީހުންނަކީ ޒިޔާރަތް ހެދުމާއި ނަދުރު ބުނުމާއި ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާއަށް އަދަބު ތަޢްޒީމް އަދާކުރުމުގައި ހައްދުފަހަނައަޅައި ދާ ޖަމާއަތެއްގެ ބައެކެވެ.
ކަން ހިނގަމުންދާ ގޮތް
ޕާކިސްތާންގައި ދީނަށް ފުރައްސާރަ ކުރުމުގެ ގާނޫނު ތަންފީޒު ކުރުމުގައި ދެ ފުށް ދެގޮތް ކަމަށް ތުހުމަތު ކުރެވެއެވެ. މިކަން ފެނިގެން ދަނީ ޕާކިސްތާންގެ ޕާލަމެންޓް މެމްބަރުންނަށް މިގާނޫނު ތަންފީޒު ކުރެވޭ ގޮތާއި އެހެން މީހުންނަށް ގާނޫނު ތަންފީޒު ކުރެވޭ ގޮތުގެ ތަފާތު ކަމުންނެވެ.
މިވެސް ހިނގި ކަމެކެވެ!
ހަސްފަތާލެއްގެ ފާރުގައި ބަހައްޓާފައި ހުރި އާޔަތެއް ލިޔެފައި ހުރި ލޯގަނޑެއް ނެގުމަށް އިސް ނަރުހަކު އެންގުމުން އެލޯގަނޑު ނެގި ޣެއިރު މުސްލިމު އަންހެން ނަރުސް މީހާއަށް ހަމަލަދީ ހަސްފަތާލުގެ ދޮރު ވައްޓާލަން ޖަމާވީ ހިސާބުގަނޑުގެ ރައްޔިތުންނެވެ!
މިފަދަ ބަޔެއްގެ ތެރޭގައި ތައުބާ ސޫރަތް سورة ކިޔަވަންވެސް ތަޤްވާ ވެރި އަޅަކު ބިރު ހީނާވެއެވެ!
ބުރާސްފަތި ދުވަހު ހިނގި ކަމެކެވެ!
ޕާކިސްތާންގެ ޕާލަމެންޓްގައި އައު މާލީ އަހަރަށް ބަޖެޓް ފާސްކުރުމަށް ވޯޓަށް އެހި އިރު މުޅި މަޖިލިސް އޮތީ ހަލަބޮލި ކޮށްލާފައެވެ. އެމީހަކު އަތު ޖެހުނު އެއްޗެއް އަނެއް ޕާޓީގެ މީހާއާ ދިމާއަށް އުކައި ހެދީއެވެ. ބަޖެޓަށް ވޯޓަށް އަހާ ޖަލްސާގައި އެންމެ ފަސޭހައިން މެމްބަރުންގެ އަތުގައި ޖެހޭނީ ބަޖެޓް ފޮތް ނޫން ހެއްޔެވެ؟
އިސްލާމް ދީނަށްޓަކައި އުފެއްދުނު ހަމައެކަނި ގައުމުކަމުން ޕާކިސްތާންގެ ބަޖެޓް ފޮތުގައި ﷲގެ އިސްމުފުޅުތަކާއި އާޔަތްތައް ލިޔެވިފައި ހުއްޓެވެ. މި ފޮތްތައް މެމްބަރުން އުކައި ހެދުމުން، ސުފެދި ފައިވާ ސުއާލަކީ ތައުހީނޭ ރިސާލަތުގެ ގާނޫނު ތަންފީޒު ކުރެވޭނީ ކިހާ ހިސާބަކުން ކޮންބަޔަކަށް ހެއްޔެވެ؟
އާޔަތެއް ލިޔެފައިވާ ލޯގަނޑެއް ފާރުން ނެގުމަށްވުރެން އާޔަތްތަކާއި އިސްމުފުޅު ލިޔެފައި ހުރި އެއްޗެއް އުކައި ހެދުމުން ކުރެވޭ އިހާނާތް މާބޮޑު ނޫން ހެއްޔެވެ؟ އެހެންވެސް، ބިސްމި އަކީ ކީރިތި ޤުރުއާނުގެ އާޔަތެއް ނޫން ހެއްޔެވެ؟
މިވެސް ހިނގި ކަމެކެވެ!
ޝަގުފްތާ ކައުސަރުއާއި ޝަފްގަތު އިމާނުއެލް ހައްޔަރުކުރީ، ދީނަށް ފުރައްސާރަ ކުރުމުގެ ނިޔަތުގައި ޓެކްސްޓް މެސެޖްތަކެއް ފޮނުވުމުގެ ތުހުމަތުގައި 2014ގައެވެ. މި ޖޯޑަށް މަރުގެ ނިޔާ އިއްވައި ޙުކުމް ކޮށްފައި އޮތްވައި، ހަތް އަހަރު ފަހުން މިހިނގާ މަހުގެ ކުރީކޮޅު މި މީހުން ޖަލުން މިނިވަންވީއެވެ. މިމީހުންނަކީ ލިޔަން ނުދަންނަ ބަޔެއްކަން މިހަރު ވަނީ ސާބިތުވެފައެވެ.
މިވެސް ހިނގި ކަމެކެވެ!
މިމަހުގެ 17 ވަނަ ދުވަހު، ޕާކިސްތާންގެ އަންހެނުންގެ ހެދުން އުފައްދާ މަރުކާއަކުން ހިންދީންގެ ދޭވަތާއިންނަށް މަލާމާތް ކުރާ ގޮތަށް އެ ކުންފުނީގެ އިންސްޓަގްރމް އެކައުންޓްގައި ކުރެހުމެއް އާންމު ކުރުމުން ދީނަށް ފުރައްސާރަ ކުރުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ހިންދީން އެދުނެވެ. އެކަމަކު އެކަމެއް ނުވިއެވެ. ފަހުން ޖެނެރޭޝަން ބްރޭންޑުން އެމީހުންގެ ކުޅައުމަށް މައާފަށް އެދުނެވެ.
ބަޖެޓް ފޮތްތައް އުކައި ހެދި މައްސަލާގައި، ޕާކިސްތާން ޑެއިލީގެ އެޑިޓޯރިއަލްގައި ބުނެފައި ވަނީ "ދީނަށް ފުރައްސާރަ ކުރުމުގެ ގާނޫ ތަންފީޒު ކުރުމުގައި ދެފުށްދެގޮތްކަމުގެ ސުއާލު އުފެދޭ ކަމަށެވެ."
މިވެސް އޮންނަ ގޮތެކެވެ!
وَلَا تَسُبُّوا الَّذِينَ يَدْعُونَ مِنْ دُونِ اللَّهِ فَيَسُبُّوا اللَّهَ عَدْوًا بِغَيْرِ عِلْمٍ ۗ 108الأنعام
"اللَّه ދޫކޮށް، އެއުރެން އަޅުކަންކުރާ ތަކެއްޗަށް ތިޔަބައިމީހުން އެއްޗެހިގޮވައި ނަހަދާށެވެ! އޭރުން ނޭނގިތިބެ އެއުރެން عداوة ތެރިކަމުގެ ގޮތުން اللَّه އަށް އެއްޗެހި ގޮވައިފާނެތެވެ. "