މިދިޔަ މަހު ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގިނަ ޒަހަމްތަކެއް ލިބުނު ކަމަށާއި އުންމީދަކީ ހެޔޮ ހާލުގައި ރާއްޖެ ދިއުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އެމަނިކުފާނު މިހާރު ވެސް ހުންނެވީ ޖަރުމަނުވިލާތުގަ އެވެ. ޖަރުމަނުގެ ހޮސްޕިޓަލްގައި ސާޖަރީއެއް ވެސް ހައްދަވާއިފައިވާ އިރު މީގެ ކުރިން އޭޑީކޭގައި ވެސް އެތައް ސާޖަރީއެއް އެމަނިކުފާނު ހައްދަވައިފައި ވެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނަށް ހަމަލާގެ ސަަބަބުން ލިބުނު އަނިޔާތައް ގިނަ ކަމަށެވެ.
އެހެންނަމަވެސް މަސައްކަތް ކުރަނީ މާތްالله ގެ ރަހުމަތްފުޅާއެކު އަނިޔާތަކުން އަރައިގަނެ، ވީ އެންމެ އަވަހަށް ރާއްޖެ ދިއުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދަށް ފަރުވާ ދެއްވި އޭޑީކޭގެ ޑޮކްޓަރުން މީގެ ކުރިން ވިދާޅުވީ އެމަނިކުފާނުގެ ހަށިގަނޑުގެ އެކި ހިސާބަށް ދަގަނޑު އެތިކޮޅުތަކެއް ވަން ކަމަށެވެ. އަދި ދަގަނޑުކޮޅުތަކުގެ ތެރެއިން މޭކަށިގަނޑަަށް ވެދެފައިވާ އެތިކޮޅުތައް ހުރީ ފުރާނައަށް ނުރައްކާވާފަދަ ގޮތަކަށް ކަމަށާއި އެ އެތިކޮޅު އެއް ސެންޓިމީޓަރަށް ވުރެ ތިރިވި ނަމަ ވެސް އެމަނިކުފާނުގެ ހިތަށް ހެރޭނެ ކަމަށެވެ.ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފައިވާ އިރު އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗުވީ ގޮތާ ގުޅޭގޮތުން ޕާލަމަންޓުން މިހާރު ދަނީ އިންކުއަރީއެއް ވެސް ކުރިއަށް ގެންދަމުން ނެވެ. އަދި އެ ރިޕޯޓް އަންނަ ހަފްތާގައި ނިމޭނެ ކަަމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ވަނީ ބުނެފަ އެވެ.