މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އަލީ ވަހީދު މުއައްޒަފުން ތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގައި ޕީޖީ އޮފީހާއެކު ކުރި މަޝްވަރާތަކާ އެއްގޮތަށް ލިޔެކިޔުންތައް އިސްލާހުކޮށް، މިދިޔަ ހަފްތާގެ ބުދަ ދުވަހު މައްސަލައިގެ ލިޔެކިޔުންތައް އެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މިިދިޔަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކިކުރީ އޭނާގެ ފަރާތުން ޖިންސީ ގޯނާ އާއި ފުރައްސާރަ ލިބުނު އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ބައްދަލުކޮށް އެމައްސަލަ އެބޭފުޅުންގެ ސަމާލު ކަމަށް ގެނައުމުންނެވެ.

މި މައްސަލައިގައި ހެކި ހޯދުމަށް އަލީ ވަހީދުގެ ފޯނާއި ލެޕްޓޮޕް ފުލުހުން ގެންގޮސްފައިވާއިރު އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ. ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މި މައްސަލައިގައި 15 މީހެއްގެ ބަޔާން ވަނީ ނަގައިފަ އެވެ.