ދެހާހުގެ އަހަރު ތަކުގައި އިންޑިއާގެ ޓްރިވެންޑްރަމަށް ދިވެހިން ދިއުންވަނީ ރާއްޖޭގެ ރަށަކަށް ދިއުންހާ އާންމު ވެފައެވެ. އާއިލާ ތައް އެއްކޮށް ޗުއްޓީ ހޭދަކުރުމަށާއި ޑޮކްޓަރަށް ދެއްކުމުގެ އިތުރަށް މަޖާކޮށްލުމަށް ރައްޓެހި ގްރޫޕުތައް އެކުވެގެން ޓްރިވެންޑްރަމަށް ދެއެވެ.

މިގޮތުން މެދުރާއްޖެތެރޭގެ ރަށެއްގެ ޒުވާން ފިރިހެން ކުދިން ތަކެއް ގުރޫޕު ހަދާފައި 2009 ގެ ސުކޫލު ބަންދަށް ޓްރިވެންޑްރަމް އަށް ދިޔައެވެ. މިއީ މީގެ ތެރެއިން ގިނަ ޒުވާނުން ރާއްޖެއިން ބޭރަށް ކުރި ފުރަތަމަ ދަތުރެވެ. މިމީހުންގެ މި ދަތުރުގައި ޑޮކްޓަރަށް ދެއްކުން ހިމެނިފައި އޮތަސް މައިގަނޑު މަގުޞަދަކީ "ސައިޓް ސީން" އާއި ބާޒާރު ކޮށްލުމެވެ. މި މީހުން ދިއުމުގެ ކުރިން ހުންނާގެ އެއެއްވެސް ހޯދާ ދަތުރުގައި ކުރާނެ ކަންތަކާއި ދާނެތަންތަންވެސް ރޭވިއެވެ.

މިގުރޫޕަށް އިންޑިއާ އަށް ދެވުނީ އެމީހުން ފުރި ދުވަހުގެ އިރުއޮއްސެން ކައިރިވެފައި ހުއްޓައެވެ.

މި ގްރޫޕްގައި ހިމެނޭ ހަ ޒުވާނުން ޓްރިވެންޑްރަމަށް ދިޔައިރު މީގެ ތެރެއިން ބައެއް ކުދިންގެ އާއިލާތަކުގެ މެންބަރުން ޓްރިވެންޑުރަމުގައި ބޭހަށް ގޮސް ތިއްބެވެ. އެހެން ކަމުން އާއިލާގެ މީހުންނަށް ރަށުން ފޮނުވާފައިހުރި ބައެއް ތަކެތި ހަވާލުކުރުމަށާއި އަދި ބަލިވެ އުޅޭ އާއިލާގެ މެންބަރުންނަށް ގޮވާލުމަށްޓަކައި ހަމަ އެރޭ މި ހުރިހާ ޒުވާނުން އެކީގައި އާއިލާ މެންބަރުން ތިބި ހޮޓަލަށް ދިޔައެވެ. ޓްރިވެންޑްރަމުގައި އޮޓޯ އަށް މީހުން އަރުވާކަށް ވަކި މިނެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެ ދަތުރު ކުރާބަޔަކަށް ކަމުދާ ކަމަށްވާނަމަ މުޅި އޮޓޯ ފުރި ބާރުވެ ދަގަނޑުތައް މަތީ މީހުން ބައިތިއްބައިގެންވެސް ދަތުރުކޮށްދޭނެއެވެ. އެހެން ކަމުން ޔޫސޭ ޒޫބަލަން މީހުން ގެންދާ ގޮތަށް ހަ ޒުވާނުން އެއް އޮޓޯ އަކަށް އަރައިގެން އެކަކު އުނގުމަތީ އަނެކަކު އިށީނދެ އަދި ޑްރައިވަރު ޝީޓްގެ އެއްތަންކޮޅުގައިވެސް އެކަކު އިށީނދެ އިނދެ މި މީހުން އާއިލާގެ މެންބަރުން ތިބި ހޮޓަލަށް ދިޔައެވެ. ގޮސް ދަތުރުގެ ކަންތައް ރޭވިފައިވާ ގޮތުގެ މޮޅުވާހަކަ ދައްކަމުން ގޮސް އެތަނުން އެއްޒުވާނެއްގެ ދައްތަ އަތައް ދޭން ރަށުން ހަވާލުކުރި ބައެއް އެއްޗިހި ހުރިކަމަށް ބުންޏެވެ. ދެން ތިހާ ބިޒީ ޝެޑިއުލެއް އޮތް އިރު އެތަކެތި މިރޭ ނުގެނައީ ކީއްވެތޯ ދައްތަ ސުވާލު ކުރިއެވެ. އެޒުވާނާ ބުންޏެވެ. ގެނައީމެވެ. ދަބަހުގައި ވާނެއެވެ. ދަބަސް ވީ ގުރޫޕުގެ އެހެން ކުއްޖެއްގެ އަތުގައި ކަމަށް ބުނެފައި ދަބަސް ބަލާ ނުކުތެވެ. އިރުކޮޅެއް ފަހުން ހޮޓަލުގެ ފެންޑާގައި މާ އަޑުގަދަވާން ފެށުމުން ދައްތަމެން ނުކުމެ ޚަބަރު ބަލައި ލިއިރު މި އުޅެނީ އެބުނި ދަބަހަށް ވީގޮތެއް ނޭނގިގެނެވެ. ސުވާލުތައް ކުރުމުން އެމީހުނަށްވެސް ރެއަކާލީ އެކަކު އަތުން އަނެކަކު އަތަށް ދަބަސް ބަދަލުކުރަމުން ގޮސް އޮޓޯގައި ފިތިބާރުވެގެން ތިބެން ޖެހުމުން ދަބަސް އޮޓޯގެ ފަހަތުގައި ބޭއްވުނުކަމެވެ. އެވަގުތު އޮޓޯ ހޯދުމަށް ހުރިހާއެންމެން އެކީ ހޮޓަލުގެ ތިރިއަށް ދާން ދުއްވައިގަތެވެ. މި އަޑުފައްގަޑާއެކު އެހޮޓަލުގެ ކޮޓަރިތަކުގައި ތިބި ދިވެހިންތައްވެސް ވެގެން އުޅޭގޮތް ބެލުމަށްޓަކައި ނުކުތެވެ. މި ގުރޫޕާއި އެކު އެމީހުންގެ އާއިލާގެ ބައެއް މެންބަރުން ހޮޓަލުން ބޭރަށް ނުކުމެ އޮޓޯ ފެނޭތޯ މަސައްކަތް ފެށިއެވެ. އޮޓޯ ނުފެނުމުން އޮޓޯ ނަންބަރު އެހިއެވެ. ގުރޫޕުގައި އެ އޮޓޯގެ ނަންބަރު އެނގޭ މީހަކު ނެތެވެ. ކޮންތާކުން ނެގި އޮޓޯއެއްތޯ ބެލި އިރު އެއީ މަގުމަތިން ހުއްޓުވައިގެން ދަތުރުކުރުވި އޮޓޯއެއް ކަން އެނގުނެވެ.

ދެން އާއިލާގެ މެންބަރުންނާއި ދެން ތިބި ދިވެހިން އެދަބަހުގައި ހުންނާނީ ކޯޗެއްތޯ އޮޅުން ފިލުވަން ފެށިއެވެ. ރަނގަޅަށް ހަބަރު ދަބަރު އެނގުނު އިރު ރަށުން މީސް މީހުން ބަދަލުކުރަން ފޮނުވި ރަނުގެ ގަހަނާތަކާ ލެޕްޓޮޕަކާ ގްރޫޕު ހުރިހާ މެންބަރުންގެ ޕާސްޕޯޓުވެސްވީ ދަބަހުގައިކަން އެނގުނެވެ. މިހިސާބުން އެތަނުން އެއް ޒުވާނެއްގެ ބޮޑުދައިތަ މަގުމަތީ ހުރެ ބާރަށް ރޯން ފަށައިފިއެވެ. ދެން އެތަނުގައި ތިބި ބައެއް ދިވެހިން ކިހިނެއްތޯވީ އަހާލުމުން އެޒުވާނުންގެ ޕާސްޕޯޓު ގެއްލުމުން އެމީހުނަށް މާލެ ނުދެވޭނެކަމާއި އަދި ޖަލަށް ލާފާނެ

ނެތީ ބިރުން ރޮނީކަމަށް ބުންޏެވެ.

ދެން މިޒުވާނުންގެ ގުރޫޕާ ގާތް ގުޅުމެއް އޮންނަ އެތަނުން އެއް ޒުވާނެއްގެ ޅިޔަނު އޭނާ އާންމުކޮށް ގެންގުޅޭ އޮޓޯ ޑުރައިވަރަށް ގުޅާ ގެނައެވެ. އަދި މި ޕާސްޕޯޓު ދަބަހުގެ ވާހަކަ ކިޔައިދީ ޕޮލިހަށް ރިޕޯޓް ކުރަން ގެންގޮސް ދިނުމަށް އެދުނެވެ. ހުރިހާ އެންމެން އެކީގައި ޕޮލިސްޓޭޝަނަށް ދިޔުމުގެ ބަދަލުގައި އެއްބަޔަކު ދަންނަ ރައްޓެއްސެއްގެ އޮޓޯއަކަށް އަރުވާފައި އެމީހުން އޮޓޯ ނެގި ސަރަހައްދަށް ފޮނުވިއެވެ. އަނެއްބަޔަކު ހޮޓާ ކައިރީ އޮޓޯ ޑުރައިވަރު އެނބުރި އަތުވެދާނެކަމަށް އުއްމީދުކޮށް ބޭތިއްބިއެވެ. ގުރޫޕުގެ އިސްކޮށް އުޅުނު ޒުވަނާ އާއި ޅިޔަނު ޕޮލިސްޓޭޝަނަށް ދަތުރު ފެއްޓިއެވެ. ދިޔަ މަގުމަތީގައި ޕޮލިސްޓޭޝަނަށް ގޮސް ވަރަށް ސީރިޔަސް ވާންވާނެ ކަމަށާއި އެތަނުން ފެންނަ މަންޒަރުތަކަށް ސަމާލުކަން ނުދިނުމަށް ނަސޭހަތްތެރިވިއެވެ. އެހެން ނަމަވެސް ޕޮލިސްޓޭޝަނަށް ވަނުމާއެކު މި ޒުވާނާ އަނގަމަތީ އަތް އަޅާ ހޭން ފަށަން އުޅުނެވެ. ނަމަވެސް ޅިޔަނު އޭނާ ހުއްޓުވިއެވެ. ދެން މައްސަލަ ރިޕޯޓު ކުރިއެވެ. ނަމަވެސް ޕޮލިހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ މާގިނަ މައުލޫމާތެއް ނުދެވުނެވެ. އޮޓޯ ނަންބަރެއް މީހާގެ ސިފައެއްވެސް ބުނެދޭން ނޭނގުމުންނެވެ. އަދި ވިދިގެން އަންނަ ދުވަހު ހެދުނު ގުރޫޕުގެ އެންމެން އައިސް މައްސަލަ ރިޕޯޓުކޮށް ޕޮލިސް ސްޓޭޓްމަންޓެއް ނެގުމަށްފަހު ކޮންސިލޭޓަށް ހުށައެޅުމަށް އޮފިސަރު އެންގިއެވެ. އަދި ޕާސްޕޯޓުގެ ކަންތައް ނުނިމެނީސް ބޭރަށް ނުކުމެ އިތުރު ތަންތަނަށް ނުދިއުމަށް ނަސޭހަތްތެރިވިއެވެ. މިކަމާ ވަރަށް ދެރަވެ މުޅި ދަތުރު ޚަރާބުވީ ކަމަށް ބުނެ އޮޓޯއަށް އަރާ ހޮޓަލަށް ދިއުމަށް މިސްރާބު ޖެހިއެވެ. ދެން ހޮޓަލަށް ގޮސް ގުރޫޕުގެ އެހެން މެންބަރުން ކުރި މަސައްކަތުގެ ޚަބަރު ބަލާލިއިރު އެއްވެސް ވަރަކަށް ކާމިޔާބު ވެފައެއް ނެތެވެ. ދެން އެހެން ޒުވާނުން ޕޮލިސްޓޭޝަނުން ވީ ކިހިނެއްތޯ ސުވާލު ކުރިއެވެ. އެވަގުތު މިކަމުގައި ޕޮލިސްޓޭޝަނަށް ދިޔަ ޅިޔަނު ބުނީ މީނާ ޕޮލިސްޓޭޝަނަށް ވަނުމާއެކު ފެށީ ހޭށެވެ. އެވަގުތު ޒުވާނާ ޖަވާބު ދިނެވެ. ހެވޭނެ ނޫންހެއްޔެވެ؟ އިންސްޕެކްޓަރ ކޮބައިތޯ އަހާލުމުން ދެއްކި މީހާ ފެނުމުން ހިންދީ ފިލްމެއްގެ ޕޮލިސްޓޭޝަންގެ މަންޒަރު ސިފަވެގެން ދިޔައެވެ. ބޮޑު ބަނޑެއްލާފައި ހުރި އެ އޮފިސަރު ޔުނިފޯމުގެ ބެގީ ނައްޓާލައިގެން، ބަނޑާ ދިމާއަށް ހުރި ގޮއްތައްނައްޓާލައިގެން ހުރުމުން ހިވީ ފިލްމުތަކުގައި ދައްކާ ކަހަލަ "ނުބައިބައި" އިނިސް ޕެކްޓަރެއް ހެންކަމަށް އޭނާ ބުންޏެވެ.

ދެން ކަން ކުރާނެ ގޮތަކަށް ވާހަކަ ދައްކާލި އިރު ހޮޓަލުގެ ފިހާރާގައި ސީ ސީ ޓީ ވީ ކެމެރާއެއް ހަރުކޮށްފައިވާކަން ފާހަގަ ކުރެވުނެވެ. ވަގުތު ބޭކާރު ނުކޮށް ފިހާރައިގެ މީހުނާ ވާހަކަ ދެއްކުމުން އެނގުނީ ކޮންމެވެސް އެއް ކެމެރާއެއް މަސައްކަތް ކުރާކަމެވެ. ރެކޯޑިން ބެލި އިރު ނަސީބަކުން އޮޓޯގެ ނަންބަރު ފެނުނެވެ. އޭރު ވަނީ މެންދަމުން އަލިވާން ގާތް ވެފައެވެ. އެހެންކަމުން ޕާސްޕޯޓު ގެއްލުނު ގުރޫޕު އަނެއްދުވަހު ނާސްތާއަށްފަހު އައުމަށް އެމީހުން ތިބޭ ގެއަށް ފޮނުވާލިއެވެ.

މި ގުރޫޕު ފޮނުވާލި އޮޓޯ ޑުރައިވަރު އެނބުރި ހޮޓަލަށް އައުމަށް ބުނެފައެވެ. ނަމަވެސް އޭނަ އައުން ލަސްވެގެން ޚަބަރު ބެލި އިރު ޕާސްޕޯޓު ދަބަހުގައި އެމީހުން ނިދަން ހިފި ކޮޓަރީގެ ތަޅުދަނޑިވެސް ވާކަން އެނގުނެވެ. އެންމެފަހުން ކޮޓަރިއަށް ވަންނަން ޖެހުނީ ތަޅުހަލާކު ކޮށްލައިގެންނެވެ.

މި ގުރޫޕަށް އެހީތެރި ވެދިނުމުގައި އުޅޭ ޅިޔަނަކީ ވަރަށް ގިނަ ފަހަރަށް ޓްރިވެންޑުރަމަށް ގޮސް އެސަރަހައްދުގެ ގިނަ އޮޓޯ ޑުރައިވަރުން ދަންނަ ފަރިތަ މީހެކެވެ. އެހެންކަމުން ހެނދުނުހެނދުނާ ގިނަ އޮޓޯ ޑުރައިވަރުންތަކުގެ އެހީއަށް އެދުނެވެ. އަދި އެ ދަބަސް ހޯދައި ދިން ބަޔަކަށް ފައިސާގެ އިނާމެއް ދޭނެކަމަށް ބުނެ އޮޓޯގެ މައުލޫމާތު ހިއްސާކުރިއެވެ. ހެނދުނު އަށްގަޑިބައި ވީއިރަށް ޕާސްޕޯޓު ގެއްލުނު ގުރޫޕު ހޮޓަލަށް އަތުވެއްޖެއެވެ. އަދި އިރުކޮޅެއް ނުވެ ކުރިން ރޭ ޕޮލިސްޓޭޝަނަށް ދިޔަ ޑްރައިވަރު އެހެން މީހަކު ގޮވައިގެން އައިސްއެއްކަލަ ގުރޫޕަށް ދައްކާފައި މިއީތޯ އޮޓޯ ޑުރައިވަރަކީ އެހިއެވެ. ނަމަވެސް ގުރޫޕު އެންމެންވެސް ބުނީ އެ ޑުރައިވަރުގެ ބޮލުގައި އިސްތަށި ހުންނާނެކަމަށާއި ބޮޑު މަތިމަހެއްވެސް ހުންނާނެ ކަމަށެވެ. ދެން އޮޓޯ ފެނިއްޖިއްޔާ އެނގޭނެތޯ ސުވާލު ކުރިއެވެ. އެތަނުން އެއްޒުވާނަކު ބުނީ ކުރިން ރޭ ތިބި ގޮތަށް އޮޓޯ އަށް އެރީމާ އެނގޭނެ ކަމަށެވެ. ދެން ގުރޫޕު ގޮވައިގެން ގޮސް އޮޓޯ އަކަށް އެރުވިއެވެ. ހަމަ އެރުވުމާއެކު އެއްކަލަ ޒުވާނާ ބުންޏެވެ. މީ އެ އޮޓޯ އެވެ. އެހެނަސް ތީ އެޑުރައިވަރެއް ނޫނެވެ. ރަނގަޅަށް ޚަބަރު ބެލިއިރު ހެނދުނު އޮޓޯ ސާފު ކުރަނިކޮށް ދަބަސް ފެނުމުން ދަބަސް ފޮރުވުމަށްފަހު ބޯކޮށާތަނަކަށް ވަދެ ޑްރައިވަރު ސިފަ ބަދަލު ކޮށްލީ އެވެ. އަދި މި ޑްރައިވަރު އަތުލައިގަތީ ބޯކޮށާތަނުގައި އިންދާކަން އެނގުނެވެ. މިހާހިސާބަށް ކަންތައް ދިޔައިރު ދަބަސް ހޯދަން ނުކުތް ގިނަ ޑުރައިވަރުންތަކެއް ހޮޓަލަށް އަތުވެއްޖެއެވެ. މި ޚަބަރު އެނގުމުން އެންމެންވެގެން މި ޑްރައިވަރަށް ވަރަށް އެއްޗިހިކިޔާ މިފަދަ ކަންކަމަކީ އޮޓޯ ޑްރައިވަރުންގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށާއި މިހާރުންމިހާރަށް ދަބަސް ދިނުމަށް އޭނާ އަށް އެންގިއެވެ. އެވަގުތު އެ ޑުރައިވަރަށް ގޮތް ހުސްވެގެން ދަބަސް ހަވާލު ކުރިއެވެ. ދަބަހުގައި ހުރި އެއްޗިހި ހަމަތޯ ބެލުމަށް ޕާސްޕޯޓު ގެއްލުނު ގުރޫޕު ގާތުން އެހެން ޑުރައިވަރުން އެދުނެވެ. ނަސީބަކުން ދަބަހުން އެއްވެސް އެއްޗެއް މަދެއް ނޫނެވެ. ދެންމިކަމުގައި އެހީތެރިވެ ދިން ހުރިހާ ޑުރައިވަރުންނަށް ފައިސާގެ އެހީއެއްދީ އަދި ޕޮލިހަށް ނުގޮސް މައްސަލަ ނިންމާލިއެވެ. މިހިސާބަށް ކަންތައް ދިޔައިރު ރަށުގައި ތިބި މީހުނަށްވެސް މި ޚަބަރު ލިބި މި ގުރޫޕަށް ޕާސްޕޯޓު ގުރޫޕުގެ ނަމުން މުޚާތަބު ކުރަން ފެށިއްޖެއެވެ.