އިތުރު 69 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު އެގާރަ ހާހަށްވުރެ މައްޗަށް އަރައިފިއެވެ.
އަލަށް ޕޮސިޓިވްވީ ގްރޭޓަރ މާލޭ ސަރަޙައްދުން 63 މީހަކާ އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓްތަކުން 6 މީހުން ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 69 މީހުންގެ ތެރެއިން 29 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 40 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 11،062 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 47 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 9،880 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 28 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 35 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.
އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ގއ. ވިލިނގިލީގައި 5 މީހަކަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1،221 ސާމްޕަލެއް ވަނީ ނަގާފައެވެ.