މީޑިޔާތަކަށް ފިޔަވަޅު އެޅީ މަރާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާއާ ގުޅޭގޮތުން އެއްވެސް ގޮތަކަށް ސާބިތު ނުކުރެވޭ ވާހަކަ ފެތުރުމުން ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ބައެއް މީޑިއާތަކުން ވަނީ، ކުއްޖާއާއި ބެހޭ ގޮތުން ގޯސް އެތައް ވާހަކަތަކެއް ހިމަނައި ރިޕޯޓު ގެނެސްދީފަ އެވެ. އަދި އެފަދަ ރިޕޯޓުތަކުގައި ބައެއް ޒާތީ މައުލޫމާތާއި އެކު ހާދިސާ ހިނގުމަށް މެދުވެރިވެދާނެ ސަބަބުތައް ކަމަށް ބުނެ ކުއްޖާގެ މައްޗަށް ބޮޑެތި ތުހުމަތުތަށްކޮށްފައި ވެއެވެ. އެ މައްސަލައިގައި މީޑިއާ ކައުންސިލްގެ ފަރާތުން ވެސް ކަންބޮޑުވުން ފާޅުކޮށް، ކުއްޖާގެ ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށް މީޑިއާތަކަށް އިލްތިމާސް ކުރިއެވެ.
އިއްޔެގެ ވަގުތެއްގައި ޖެންޑާރ މިނިސްޓްރީގެ ދަށުން ހިންގާ، ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން މީޑިއާތަކަށް އިންޒާރުގެ ސިޓީ ފޮނުވައި، މީޑިއާއެއް ޖޫރިމަނާ ކުރި އެވެ. ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް، އެއްވެސް ކުއްޖެއްގެ މައުލޫމާތެއް އާންމު ކުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން މަނާވާނެ އެވެ. އަދި އެފަދަ އަމަލެއް ހިންގާ ބައެއްގެ މައްޗަށް ޖެންޑާއަށް ފިޔަވަޅު އެޅޭނެކަމަށް ބުނެފައި ވެއެވެ.
ޖެންޑާއިން އާއްމު ކުރި ބަޔާނުގައި ބުނީ ކުޑަކުދިންގެ ހަބަރު އާންމު ކުރުމުގައި އެ ކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް، ޒާތީ މައުލޫމާތާއި ކުޑަކުދިންނާ ގުޅޭ މަޢުލޫމާތުތައް ކަށަވަރު ނުކޮށް ހަގީގަތް ބެލުމެއް ނެތި މީޑިއާގައި ދައުރު ކުރަމުންދާ ކަމަށެވެ. އަދި މިފަދައިން އަމަލުކުރުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި ހިލާފުކަމެއްކަމުގައި ތަކުރާރުކޮށް އަންގާ، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ކުޑަކުދިންނާއި ގުޅުންހުރި މައުލޫމާތުތައް އާންމު ނުކުރުމަށް އިލްތިމާސްކޮށްފައި ވާނެ ކަމަށެވެ.
ކުޑަކުދިންގެ ހައްގުތައް ރަައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން، އެ ކުދިންނަށް ރައްކާރެރިކަން ލިބިގެންވާ ހާއްސަ ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ ކުޑަކުދިންގެ އެންމެހައި ހައްގުތަކާއި ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމާއި ކުޑަ ކުއްޖެއްގެ ހައްގަކަށް އުނިކަމެއް އަންނަ ފަދައިން އަމަލުކުރާ ފަރާތްތައް އަދި ކުޑަ ކުއްޖެއްގެ ކަރާމާތައް އުނިކަމެއް އަންނަ ފަދައިން ޢަމަލުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގެ ފުރިހަމަ ބާރު އެ ގާނޫނުގެ ދަށުން ލިބިގެންވާ ކަމަށެވެ. އަދި އާންމު ގާނޫނުތަކާއި ހާއްސަ ގާނޫނުތަކާއި ހުރި ތަފާތަކީ ވަކިކަމަކަށް ހާއްސަ ކުރެވިގެން އެކުލަވާލާފައިވާ ގާނޫނުތަކުގެ ދަށުން ދީފައިވާ ބާރުތައް އެކަމުގެ ޒިންމާ ހަވާލުކޮށްފައިވާ ފަރާތަކުން ތަންފީޒު ކުރެވޭނެކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ކުއްޖާ ހެދި ބޮޑުވުމަށް ބެނުންވާ ރައްކާތެރިކަމާއި އަޅާލުން، ކުއްޖާގެ ބެލެނިވެރިންގެ ފަރާތުންނާއި ކުއްޖާގެ ޢާއިލާގެ ފަރާތުންނާއި، މުޖުތަމަޢުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ލިބުމަކީ ކޮންމެ ކުއްޖަކަށް ލިބިގެންވާ ހައްގެއްކަން ބަޔާންކޮށްފައި ވެއެވެ. އަދި އެ ގާނޫނުގެ 33 ވަނަ މާއްދާގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް، ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކުން އާއްމުކޮށްގެން ނުވާނެކަމަށް ބުނެފައި ވެއެވެ.
މީގެއިތުރުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާއިން ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކުމާއި، އެކުދިންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ ކަންކަމަށް ހިތްވަރު ދިނުން މާނާވާނެ އެވެ. އަދި މިފަދައިން އެއްވެސް ފަރާތަކުން ޢަމަލުކޮށްފިނަމަ، އެކަން ތަހުގީގުކޮށް އެކަމުގެ ކުޑަ ބޮޑުމިނަށްބަލައި، ކުޑަކުދިންގެ ކަރާމާތައް ގެއްލުންވާފަދަ މަޢުލޫމާތު، މީޑިއާގައި އާންމު ކުރާނަމަ އެ މާއްދާއިން މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ފިޔަވަޅު އެޅޭނޭކަން ފާހަގަ ކޮށްފައިވެއެވެ.
ޗައިލްޑް އެންޑް ޕްރޮޓެކްޝަން ބާޔަނޫގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގައި ހިމެނޭ ބައެއް މާއްދާތައް ހިމަނާފައި ވެއެވެ. އަދި އެ ބާރުގެ ދަށުން މީޑިއާތަކާއި މެދު ފިޔަވަޅު އެޅޭނެކަމަށް ބުންޏެވެ.
"އެހެންކަމުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ހިލާފަށް ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މަޢުލޫމާތު މީޑިއާ ތަކުގައި އާންމުކޮށްފައިވާ ފަރާތްތަކުގެ މައްޗަށް، ގަވާއިދު ނަންބަރު 70-R/2020 (ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމުގެ އާންމު ގަވާއިދު) ގެ 18 ވަނަ މާއްދާގެ (ށ)ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން -/2000ރ. (ދެހާސް) ރުފިޔާއިން ޖޫރިމަނާކޮށް އަދި އިސްވެ ދެންނެވި ގަވާއިދުގެ 18 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، އެކަން ތަކުރާރު ނުކުރުމަށް ލިޔުމުން އަންގައި، އެކަން ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމުގެ ގޮތުން ކުރާނެ ކަންކަން ބަޔާން ކުރުމަށް އަންގައި، އެ އެންގުން އާންމުކޮށް ޝާއިޢު ކުރުމަށް އަންގާފައިވާނެއެވެ. އަދި މީގެ އިތުރުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ހިލާފަށް ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މަޢުލޫމާތު އާންމު ނުކުރުމަށް ނަސޭހަތްތެރިވެފައިވާނެ އެވެ." ބަޔާނުގައި ވެއެވެ.
ބަޔާނުގައި ބުނެފައިވަނީ، އެ ސާވިސްއިން ދަނީ މީޑިއާތަކުގައި އާންމުކޮށްފައިވާ މަޢުލޫމާތުތައް ބަލަމުން ކަމަށެވެ. އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މައުލޫމާތު އާންމުކޮށްފައިވާ މީޑިއާތަކާއި އެކު މަޝްވަރާކޮށް އެކަންކަން ރަނގަޅުކުރުމަށް އެދޭނެކަމަށް ވެއެވެ. މިނިސްޓްރީން ވަނީ ހުރިހާ ފަރާތްތަކުން ވެސް ކުޑަކުދިންނާއި ގުޅޭ މައްސަލަތަކުގައި އަދި ކުޑަކުދިންނާއި ގުޅިގެން މަޢުލޫމާތު އާންމު ކުރުމުގައި ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނާނޭ ގޮތަށް އެއްވެސް މަޢުލޫމާތެއް އާންމު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ
"މިކަމަކީ މީޑިއާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ވުރެ ބޮޑަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް، ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލުތައް މަދުކުރުމަށް އެޅި ފިޔަވަޅެއްކަން ފާހަގަ ކުރަމެވެ." ބަޔާނުގައި ވެއެވެ.