ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ވާރޗުއަލް ކަލިނަރީ ބެޓްލް ވަނީ މާދަމާ (27 ޖޫން) ފެށުމަށް ހަމަޖެހިއްޖެ އެވެ.
މި ކެއްކުމުގެ މުބާރާތަކީ ސަޕްލައި.އެމްވީ އިން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ ފުޑް އެންޑް ބެވަރެޖް އެކްސްޕޯގެ ބައެކެވެ. މިއެކްސްޕޯގެ މައި ސްޕޮންސަރ އަކީ ނެސްލޭ އެވެ. އަދި އިތުރު ސްޕޮންސަރުންގެ ތެރޭގައި އެންޒީ، ކޮސްމޯޕޮލިޓަން އަދި ހެޕީމާރކެޓް ހިމެނެ އެވެ.
މުބާރާތް 3 ދުވަހަށް ކުރިއަށްދާނެ ކަމަށާއި މޮޅުވާ ފަރާތްތައް 30 ޖޫންގައި އިއުލާން ކުރެވޭނެ ކަމަށް ސަޕްލައި އެމްވީ އިން ބުނެ އެވެ.
ކަލިނަރީ ބޭޓްލްގައި ރާއްޖޭގެ އެކިރިސޯރޓުތަކުގެ ޝެފުން 4 ކެޓަގަރީއަކުން ވާދަކުރާނެ ކަމަށާއި އެއީ އެޕެޓައިޒަރސް، މެއިން ކޯރސް، މޯލްޑިވިއަން ފިއުޝަން އަދި ޑެސާރޓްސް ކަމަށް ވެސް ބުންޏެވެ.
މިމުބާރާތް މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ލައިވްކޮށް ބަލާލެވޭނެ ކަމަށާއި މޮޅުވާ ޝެފުން ހޮވާނީ ވާރލްޑް އެސޯސިއޭޝަން އޮފް ޗެފްސް ސޮސައިޓީސްގެ ސާރޓިފައިޑް ފަނޑިޔާރުން ކަމަށް ވެސް އެފަރާތުން ބުނެ އެވެ. އަދި މޮޅުވާ ޝެފުންނަށް ސްޕޮންސަރުންގެ ފަރާތުން ޚާއްސަ އިނާމްތަކެއް ލިބިގެންދާނެ ކަމަށް ވެސް ބުންޏެވެ.
ފުޑް އެންޑް ބެވަރެޖް އެކްސްޕޯ އަކީ މިއަހަރުގެ އެންމެ ބޮޑު ވާޗުއަލް އިވެންޓެވެ. މި އެކްސްޕޯގައި އެޓެންޑީސްގެ ގޮތުގައި 6000 އަށްވުރެ ގިނަ މީހުން ބައިވެރިވާ ކަމަށާއި އިވެންޓުގައި ވާޗުއަލްކޮށް ޕްރޮޑަކްޓްތައް ދައްކާލުމާއި، ކެއްކުމުގެ މުބާރާތާއި އަދި ތަޖްރިބާކާރުންގެ ޕެނަލް ޑިސްކަޝަނެއް ހިމެނޭ ކަމަށް ވެސް ސަޕްލައި އެމްވީ އިން ބުނެ އެެވެ.
ސަޕްލައި.އެމްވީއަކީ އިންޓަރނެޓްގެ ޒަރިއްޔާއިން ހޯލްސޭލް ވިޔަފާރިކުރެވޭ ޕްލެޓްފޯމެކެވެ.
މި ޕްލެޓްފޯމުން އޮންލައިން ސްޓޯރ، ވާޗުއަލް އިވެންޓް އަދި ސޯސިންގ ޚިދުމަތްތަކުން މުދާ އެތެރެކުރާ ފަރާތްތަކާއި ރީޓެއިލް ވިޔަފާރިއާއި ފަރުތުވެރިކަމުގެ ދާއިރާގެ ކަސްޓަމަރުންނާއި ގުޅުވާލަ ދެއެވެ.
މިއީ ދިވެހިރާއްޖޭގެ އެންމެ ބޮޑު "ބީ-ޓު-ބީ" އިޝްތިހާރަކުރާ ވަސީލަތެވެ. 200 ހޯލްސޭލަރުން އަދި 1800 އަށް ވުރެ ގިނަ ކަސްޓަމަރުން ސަޕްލައި ބޭނުން ކުރަމުން ދެއެވެ. އަދި 700 ބްރޭންޑެއްގެ 5000 އަށް ވުރެ ގިނަ ޕްރޮޑަކްޓު ދައްކާލާފައި ހުރެ އެވެ.
ސަޕްލައި.އެމްވީ އަކީ މައިކްރޮސޮފްޓް ކުންފުނީގެ މައިކޮރޮސޮފްޓް ފޯ ސްޓާރޓްއަޕްސްގެ މެމްބަރެކެވެ.