މ. މުލީގައި މިއަދު އެގާރަގަޑި ބައި އެހައިކަންހާއިރު ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް ވަރަށް ބޮޑަށް އަނިޔާ ވެއްޖެއެވެ. މި ހާދިސާ ހިނގީ ގުދަނަކުން މުދާނެރުމަށް ޓަކައި ޕިކަޕެއް ގުދަނަށް ވެއްދި އިރު އެ ޕިކަޕުގައި ކޮޅަށްހުރި ޒުވާނެއްގެ ބޯ ޕިކަޕުގެ ސޭފުޓީ ދަނގަޑާއި ގުދަނުގެ ދޮރޯށީގެ މަތީ ބެރިއާ ދެމެދު ފިތި ގެންނެވެ.

މި ގުދަނުގެ މަތީބެރި ޕިކަޕުގެ ސޭފުޓީ ދަނގަޑަށްވުރެ ތިރީގައި ވުމުން ގުދަނަށް ވައްދަން ޖެހެނީ ޕިކަޕުގެ ފަހަތުކޮޅެވެ.

މި ހާދިސާ ގައި މުލީ ޝިމްލާ ވިލާ އުމުރުން 29 އަހަރުގެ އަހުމަދު ރައިޚާން ގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުން ލިބުނުކުމަށް މުލީ ކައުންސިލުގެ ނައިބުރައީސް އަހުމަދު ސާކިފު ވިދާޅުވިއެވެ. ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން ނޭފަތުންނާއި ކަންފަތުންނާއި އަނގައިންވެސް ލޭ އައިކަމަށް މައުލޫމާތު ދެއްވިއެވެ.

މި ހާދިސާ ހިނގުމާއެކު ސީ އެންބިއުލާންސުގައި މިހާރު މި ޒުވާނާ ވަނީ މާލެ ގެންގޮސްފައެވެ. އަދި އައި ޖީ އެމް އެޗުން ބެއްލެވުމަށްފަހު ބޮލުގެ ނާށިގަނޑަށާއި ނޭފަތް އަދި މޫނު މައްޗަށް ވަރަށް ބޮޑެތި ގެއްލުން ލިބިފައިވާތީ މިހާރު އޭޑީކޭ ހޮސްޕިޓަލަށް ބަދަލު ކޮށްފައިވާކަމަށް މި ޒުވާނާގެ އާއިލާގެ މެންބަރަކު މައުލޫމާތު ދެއްވިއެވެ. އަދި އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފައިވާ ކަމަށްވެސް އޭޑީކޭގައި ހުރި އާއިލާގެ މެންބަރު މައުލޫމާތު ދެއްވިއެވެ.