ކެފޭ، ރެސްޓޯރެންޓު ހިންގާ މީހުން 'ސުލްހަވެރި އަޑު އުފުލުން' ގެ ނަމުގައި އަޑު އުފުލުމެއް މާދަމާ ބާއްވަން ނިންމައިފި އެވެ.

ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރި ޓްވީޓެއްގައި ބުނީ މި ހަރަކާތް އޮންނާނީ މާދަމާ ހަވީރު 4 ޖަހާ އިރު، ކާނިވާ ސަރަހައްދުގައި ކަމަށެވެ.

އެފަރާތުން ބުނީ މިފަދަ އަޑު އުފުލުމަކަށް ދާން ޖެހުނީ އެ ސިނާއަތުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއްގެ ކަންބޮޑުވުމާއި އާދޭސް ސަރުކާރުގެ ހުރިހައި މުވައްސަސާތަކެއްގައި ދަންނަވައިގެން ވެސް އެކަށީގެންވާ އެހީތެރިކަމާއި އިޖާބަދީފައި ނުވާތީ ކަމަށެވެ.

ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) ގެ ބޯޑު މީޓިންގ ގެ އަޣުލަބިއްޔަތުން ނިންމައިގެން ކުރިއަށް ގެންދާ މި ހަރަކާތާއި ބެހޭ ގޮތުން ރޭމް އިން ބުނީ ވިޔަފާރިވެރިން އަބަދު ވެސް މަސައްކަތްކުރަނީ އެ އިރެއްގައި އޮންނަ ސަރުކާރަކާއެކު ކަމަށެވެ.

މި ހާލަތުން އަރައިގަތުމަށް އެހީވުމަށް ނުވަތަ އިތުރު ގޮތްތަކެއް ހޯދުމަށް ރައީސް ސޯލިހަށް މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އެތައް މެއިލްއެއް ފޮނުވިއްޖެ ކަމަށާއި ނަމަވެސް އެ މެއިލްތައް ނުލިބޭކަމަށް ރައީސް އޮފީހުން ބުނާ ކަމަށެވެ.

ކެފޭ، ރެސްޓޯރެންޓުތަކަށް ލިބެމުންދާ ގެއްލުމުން އަރައިގަތުމަށް އެޗްޕީއޭ އާ މަޝްވަރާކުރުމަށް ތަކުރާރުކޮށް އެދެމުންދާ ކަމަށާއި ރޭމް އިން މިހާރުފޮނުވާ މެއިލްތަކަށް ޖަވާބު ވެސް ނުދޭ ކަމަށް ވެސް އެ ފަރާތުން ވަނީ ބުނެފަ އެވެ.

“ކާންދޭ އަތުގައި ދަތް ނާޅާ” ގެ ނަމުގައި މާދަމާ ބާއްވާ ސުލްހަވެރި އަޑު އުފުލުން ގާތްގަޑަކަށް 5:45 އަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.