ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު މުލަކަތޮޅު ދިއްގަރު ކައުންސިލާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުން އެރަށުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިޔަށްދާގޮތާމެދު ހިތްހަމަޖެހޭކަން ކައުންސިލުގެ ފަރާތުން ފާހަގަ ކޮށްފައި ވެއެވެ.

މިއަދު ހެނދުނު އޮންލައިންކޮށް، ރައީސުލްޖުމްހޫރިއްޔާ ކުރިޔަށް ގެންދެވި މި ބައްދަލުވުމަކީ ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާހުތަކާއެކު ކައުންސިލުތަކަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ކައުންސިލަރުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވެވި ފުރަތަމަ ބައްދަލުކުރެއްވުމެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ދިއްގަރު ކައުންސިލުގެ ރައީސް އަޙްމަދު ނިޝާމް ވިދާޅުވީ، ސަރުކާރުން އެ ރަށުގައި ކުރިއަށްގެންދާ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ހަލުވި ދުވެލީގައި ކުރިއަށްދާ ކަމުގައެވެ. މީގެ އިތުރުން އެ ރަށުގެ ރައްޔިތުންނަށް މުހިންމު އެހެން ކަންކަމާގުޅޭ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.

އެގޮތުން ކައުންސިލުގެ ރައީސް ވަނީ އެރަށުގައި ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ހުރުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ ބޭސް ލިބުމުގައި މިހާރު ރޭވިފައި ހުރި އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށް، ޞިއްޙީ މަރުކަޒު އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާކަން ކައުސިލުގެ ރައީސް ފާހަގަކުރިއެވެ. މީގެ އިތުރުން ސްކޫލް ހޯލް އިމާރާތާ އަދި އުމްރާނީގޮތުން ސްކޫލަށް ބޭނުންވާ ކަންކަންމުގެ އިތުރުން މަތީ ތަޢުލީމު ފުޅާކުރުމަށް އިތުރު ފުރުޞަތުތަކާއި ލުއިފަޞޭހަތައް ބޭނުންވާކަން ކައުންސިލުން ފާހަގަކުރިއެވެ.

އަދި ރަށުގެ ނަރުދަމާ ނިޒާމުގެ އައުޓްފްލޯއާ ގުޅިގެން ކުރިމަތިވާ ދަތިތަކާއި ކަނދުފަތިތައް ކައިރި ސަރަޙައްދެއްގައި ނެތުމާއި އަދި މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާއި އެރަށުގެ ރިޒޯޓްދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުރި ދަތިތަކާއި، އެ ދާއިރާއިން އިތުރު ފުރުޞަތުތައް އެ ސަރަޙައްދުގައި ފަހިވެފައި އޮތުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ދިއްގަރު ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުންނާއި އެ ދާއިރާގައި ސަރުކާރުން ކުރިޔަށްގެންދާ އެކިއެކި މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާއި ޙިއްޞާކުރައްވާފައެވެ.

އެގޮތުން މަސްވެރިންގެ ފަސޭހައަށްޓަކައި މުލަކުގައި ޤާއިމުކުރަމުންދާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ކަނޑައެޅިފައިވާ ޝެޑިއުލްއާ އެއްގޮތަށް ކުރިޔަށްދާކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު ހުރިވަރަށްވުރެ އޮއިވާލި ކަނދުފަތިތައް އިތުރުކުރުމަށް ފިޝަރީޒް މިނިސްޓްރީން ރާވަމުން ގެންދާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި ކައުންސިލަރުން ފާހަގަ ކުރެއްވި މިނިމަން ވޭޖް ކަނޑައެޅުންފަދަ ކަންކަމާގުޅޭގޮތުންވެސް އެންމެފަހުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. އަދި ކައުންސިލަރުން ހުށަހެޅުއްވި ކަންކަން ޙައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރަތަކާ ގުޅިގެން މަސައްކަތްކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ޙަމްދާނުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ޢިތްޒަތްތެރި މެންބަރު އިކްރާމް ޙަސަންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.