ކޮވިޑް ޖެހި ރަނގަޅުވާ މީހުންނަށް ދެ މަސް ވަންދެން ކަރަންޓީނު ނުވެ ދަތުރު ކުރުމުގެ ހުއްދަ ދީފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިހާރު ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ކޮވިޑް ޖެހިފައި ތިބި މީހުން ބަލިން ފަސޭހަވިތާ 60 ދުވަސް ނުވާނަމަ އެފަދަ މީހުންނަށް ކަރަންޓީނާ ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ކަމަށެވެ.

އެ ނިންމުމަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ކޮވިޑް ކޭސްތައް އިތުރުވުމުގެ ކުރިން އެޗްޕީއޭ އިން ވަނީ ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ ފަރާތްތަކަށް ކަރަންޓީނާ ނުލާ ދަތުރުކުރަން ހުއްދަ ދީފައެވެ. ނަމަވެސް ކޭސްތައް ބޮޑުތަނުން އިތުރުވުމާ ގުޅިގެން އެ ނިންމުމަށް އަމަލުކުރުން ވަނީ މެދުކަނޑާލާފައެވެ.

މިއަދު އިއުލާންކުރި ލުއިތަކުގެ ތެރޭގައި ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ ފަރާތްތަކަށް ދަތުރުކުރުމާ ގުޅޭ ލުޔެއް ހިމެނިފައެއް ނުވެއެވެ.