އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނަމާދުގެ ޖަމާއަތް ފަށައި ކާފިއު ނޫން ވަގުތުތަކުގައި މާލެ ސަރަހައްދުގައި ހިންގާ ކެފޭ ރެސްޓޯރެންޓުތަކުން ޑައިން އިންގެ ހިދުމަތް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ މިދިޔަ މަހުގެ 12 އިން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އަންގައިފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މާލެ ސަރަހައްދުގެ ކޮވިޑްގެ އަދަދު ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން އިތުރު ލުއިތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން މިހާރު ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ހިންގަމުންދާ ކާފިއު ވަގުތު ރޭގަނޑު އަށަކުން ފަތިހު ހަތަރަކަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ގައިދުރުކޮށް ޖަމާއަތުގައި ނަމާދު ކުރަން މިސްކިތްތައް ހުޅުވާލަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ކާފިއު ނޫން ވަގުތުތަކުގައި މާލޭ ސަރަހައްދުގެ ކެފޭ ރެސްޓޯރެންޓު ހުޅުވައިގެން ހިދުމަތް ދިނުމުގެ ހުއްދަ ދޭން ނިންމާފައިވަނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.

މީގެ ކުރިން ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މާލޭ ސަރަހައްދުގެ ކެފޭ ރެސްޓޯރެންޓުތަކަށް ހަމައެކަނި ދެވޭ ގޮތަށް އޮތީ ޓޭކްއަވޭއާއި ޑެލިވެރީގެ ހިދުމަތެވެ. އޭރު އޮތް ގޮތުން ހެނދުނު އަށަކުން ހަވީރު ހަޔަކަށް ޓޭކްއަވޭގެ ހިދުމަތް ދެވޭއިރު ހަޔަކުން ފެށިގެން ރޭގަނޑު 12 އަށް ދެވެނީ ހަމައެކަނި ޑެލިވަރީގެ ހިދުމަތެވެ.