އިސްލާމީ އަގީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުން ކުށަކަށް ހެދުން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުން އުނިކޮށްފިއެވެ.
ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅި ބިލްގައި ނަފްރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު ބައިތަކެއް ގެނައުމަށް އޮތީ ހުށަހަޅާފަ އެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ވަނީ ހުށަހަޅުއްވާފަ އެވެ.
އެ ބިލު ދިރާސާކުރަމުންދާ ޖުޑީޝަރީ ކޮމިޓީގެ އިއްޔެ ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވަނީ އިސްލާމީ އަގީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ކަނޑައެޅި މާއްދާ އުނިކުރަން ހުށަހަޅާފައެވެ. އެގޮތުން އެ މާއްދާ އުނިކުރަން އިސްލާމިކް މިނިސްޓްރީން ވެސް އެދިފައިވާ ކަމަށް އިންތި ވިދާޅުވިއެވެ.
ކޮމިޓީން ފާސްކުރީ ވަކި މައްސަލައަކާ މެދު ދީނީ އިލްމުވެރިންގެ މެދުގައި ދީނީ ރައުޔު ތަފާތުވެފައިވާ ކަން އެނގެން އޮއްވާ އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެމީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް އަދި އެފަދަ މާނައެއްގައި އާންމު ތަނެއްގައި ސިފަކުރުން ނުވަތަ ތުހުމަތުކުރުން ވެސް ކުށަކަށް ހެދުމަށެވެ.
އިންތިގެ އެ ހުށަހެޅުންތައް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ފާސްކުރީ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.