ގދ. ފަރެސްމާތޮޑާއިން މިއަދު 307 ރެންޑަމް ސާމްޕަލް ނަގައިފިއެވެ. މިއީ އެރަށް މޮނިޓަރިން ހާލަތުން ނެގުމަށްޓަކައި ނެގި ސާމްޕަލްތަކެކެވެ.

ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން ވިދާޅުވީ މިއަދު ނެގި ސާމްޕަލްތަކުގެ ނަތީ އަންނަ ހުކުރު ދުވަހު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"މުޖްތަމައުތެރެއިން ކޮވިޑް ބަލި ފެނުމާއިގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، ބަލި ކޮންޓްރޯލް ކުރުމަށް ރަށް މޮނިޓަރިންގ އަށް ލެވިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ބޭނުންވާ ރެންޑަމް ސާމްޕަލް ނަގައި ނިންމާލެވިއްޖެ،" އެރަށު ސިއްހީ މަރުކަޒުން ވިދާޅުވިއެވެ.

ސާމްޕަލް ނެގުމުގައި އެކި ގޮތްގޮތުން އެހީތެތިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށާއި އަދި ޚާއްސަކޮށް އެ މަރުކަޒުގެ މުވައްޒަފުންނާއި ކައުންސިލާއި ހުވަދޫ ސްކޫލް، ކޯޓް އަދި ޕޮލިސް ގެ އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ. މިކަމުގައި ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ ބޮޑު އެއްބާލުން ވެސް ވަނީ ފާހަގަ ކުރައްވައިފައެވެ.

ފަރެސްމާތޮޑާއިން 60 މީހުން ކޮވިޑަށް ޕޮޒިޓިވްވިއެވެ. އޭގެ ތެރެއިން 58 މީހަކު ވަނީ ފަސޭހަވެފައެވެ. އެކްޓިވް ކޭސްގެ އަދަދަކީ 2 އެވެ. "އަޅުގަނޑުމެންގެ ދުޢާއަކީ މިއަދު މި ނެގުނު ސާމްޕަލްތައް ކޮވިޑް އަށް ނައްސިވެ، ރަށުގެ މުޖްތަމަޢުތެރޭގައި ބަލި ނެތްކަމުގެ ޔަޤީން ކަމާއިއެކު މި ފެށޭ ހަފްތާ ތެރޭގައި ރަށް މޮނިޓަރިންގ އިން ނެގިގެންދިއުން،" ކަމަށް ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން ވިދާޅުވެފައިވެއެވެ.