ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގައި މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޓީން ރީއެނެކްޓްމެންޓް ވީޑިއޯއެއް އާންމުކޮށްފިއެވެ.
ހަތަރު މިނެޓްގެ މި ވީޑިއޯ ކޮޅުގައި ރިލްވާން ވަގަށްނެގި ރޭގައި ރިލްވާން މަގުމަތީގައި އަދި ފެރީ ޓާމިނަލްގައި އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓެޖްތަކާއި، ކަންހިނގި ގޮތްކަމަށް ބެލެވޭ ކުޅެފައިވާ މަންޒަރުތައް ހިމެނެއެވެ.
ވީޑިއޯގައި ބުނެފައިވާގޮތުން ރިލްވާނަށް އޭނާ ހުޅުމާލޭގައި ދިރިއުޅޭ ފްލެޓާއި ހަމައަށް ދެވޭނެކަމަސް ލަފާކުރެވެނީ އެ ރޭ ދަންވަރު 01:45 ހާއިރުއެވެ. އަދި އޭނާ ވަގަށްނެގި މީހުންގެ އަތުން އެތަނަށް ވެއްޓުނު ކަމަށް ލަފާ ކުރެވޭ ވަޅީގެ މައުލޫމާތު ހޯދުމަށް ވެސް މަސައްކަތް ކުރަމުން އަންނަކަމަށް ވީޑިއޯގައި ބުނެފައިވެއެވެ.
މި ވަޅިއާ ގުޅޭ މައުލޫމާތެއް ލިބިފައިވާނަމަ އެކަން ކޮމިޝަނަށް އެންގުމަށް އެދި އާންމުގެ އެހީއަށް ކޮމިޝަނުން އެދިފައިވަނީ މިއަހަރުގެ ފެބްރުއަރީ އަށްވަނަ ދުވަހުއެވެ.
މި ވީޑިއޯގައި މަރު ކޮމިޝަނުން ބުނެފައިވަނީ، އޮގަސްޓް 7 ވަނަ ދުވަހުގެ ރޭ ރިލްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔަ ހާދިސާއާ ގުޅޭ މައުލޫމާތު އެނގޭނެ ބައެއް ފަރާތްތައް އަދިވެސް އާންމުންގެ ތެރޭގައި ތިބޭނެކަމަށް އެ ކޮމިޝަނުން ޤަބޫލުކުރާކަމަށެވެ.
ރިލްވާން މައްސަލައާ ގުޅިގެން ޝަރީއަތަށް ސާބޮތުކުރެވޭވރުގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތަަކަށް ފަސް ލައްކަ ރުފިޔާ ދިނުމަށްވެސް ކޮމިޝަނުން ހުށަހަަޅާފައިވާކަމަށާއި، އެދެނީ ރިލްވާން މައްސަލައާ ގުޅިގެން އެފަދަ މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ލަސްނުކޮށް އެ މައުލުމާތެއް ހިއްސާކުރުމަށް ކަމަށްވެސް މަރު ކޮމިޝަނުން ބުނެފައިވެއެވެ.
ރިލްވާން މައްސަލައާ ގުޅިގެން މަރު ކޮމިޝަނުން މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކޮމިޝަންގެ އޭރުގެ ރައިސް އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ރިލްވާން ގަދަކަމުން ކާރަށް އަރުވައިގެން ގެންދިޔައީ ކަނޑުމައްޗަށް ކަމަށާއި، އަދި ދޯންޏެއްގައި މަރާލާފައިވާކަމަށް ބެލެވޭކަމަށް ވިދާޅުވެފައެވެ.