އައްޑު ސިޓީން މިއަދު އިތުރު 4 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. މިއަދު ޕޮޒިޓިވް ވެފައިވަނީ މަސްވެރިކަންކުރާ ދޯންޏެއްގައި މަސައްކަތްކުރާ 3 ބިދޭސީއަަކާއި ހޯމް ކަރަންޓީނުގައި ހުރި ދިވެއްސެކެވެ. ތިން ބިދޭސީންނަކީ ޕޮޒިޓިވް ބަޔަކާ ކޮންޓެކްޓް ވެގެން މަސް ދޯނީގައި ކަރަންޓީން ކޮށްފައި ތިބި ބައެކެވެ. އެ ދޯންޏަކީ މަރަދޫ ދޯންޏެކެވެ.

އެމީހުން ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ހަމަކޮށް އިއްޔެނެގި ރިލީޒް ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވް ވުމުންނެވެ. މިއީ އައްޑޫއިން ޕޮޒިޓިވް ކޭސް އެއް ނުފެންނަތާ ދެ ދުވަސްފަހުން ފެނުނު 4 ކޭސް އެވެ.

އައްޑޫއިން މިއަދުވަނީ 11 މީހުން ބަލިން ފަސޭހަވެފައެވެ. އައްޑޫގެ އެކްޓިވް ކޭސްގެ ޖުމްލަ އަދަދު މިހާރުވަނީ 64 އަށް މަދުވެފައެވެ. އެއީ ހިތަދޫގައި ތިބި 54 މީހަކާއި މަރަދޫގައި ތިބި 10 މީހެކެވެ.

މިހާރު އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 470 އަށް އަރައިފައެވެ. އޭގެތެރެއިން ބަލިން ފަސޭހަވެފައިވާ މީހުންގެ ޖުމްލަ އަދަދަކީ 404 އެވެ.

އައްޑޫގެ އިތުރު ރަށެއްގައި އަދި ރިސޯޓެއްގައި ވެސް އެކްޓިވް ކޭސް އެއް ނެތެވެ. މި ބަލީގައި މިހާތަނަށް އައްޑޫ އިން ވަނީ 2 މީހަކު ނިޔާވެފައެވެ. ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު މިހާރުވަނީ 145 އަށް މަދުވެފައެވެ.