ގދ. ފަރެސްމާތޮޑާއިން ކޮވިޑް ބައްޔަށް މީހަކު ޕޮޒިޓިވް ނުވާތާ މިއަދަށް 12 ދުވަސް ވެއްޖެއެވެ.

އެރަށުން އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނިފައިވަނީ މިއަހަރުގެ މޭ މަހު 31 ވަނަ ދުވަހުއެވެ. އެރަށުގެ މުޖްތަމަޢުތެރެއިން ވެސް ކޮވިޑް ބަލި ފެނުނެވެ. އެއާއެކު ރަށް މޮނިޓަރިންއަށް ލައި ބަލަން ޖެހޭ ކަންކަން އެރަށު ސިއްހީމަރުކަޒުން ގެންދިޔައީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުންނެވެ.

ފަރެސްމާތޮޑާއިން ޖުމްލަ 60 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވިއެވެ. ﷲ ގެ ރަޙުމަތުން އަދާ ހަމައަށް އެ އެންމެންނަށް ވަނީ ޝިފާ ދެއްވައި ބަލިން ފަސޭހަވެފައެވެ. މިވަގުތު އެރަށުގައި ކޮވިޑް ކޭސްއެއް ނެތް ކަމަށް ސިއްހީމަރުކަޒުން ވިދާޅުވިއެވެ.

އެރަށުން ޕޮޒިޓިވް ކޭސްއެއް ނުފެންނަތާ ހަފްތާއަކަށްވުރެ ގިނަވުމުން އެރަށް މޮނިޓަރިން ހާލަތުން ނެގުމަށްޓަކައި 329 ރެންޑަމް ސާމްޕަލް ވަނީ ނަގައިފައެވެ. އެ ހުރިހާ ސާމްޕަލެއް ވެސް ވަނީ ނެގެޓިވް ވެފައި ކަމަށް އެރަށު ސިއްހީ މަރުކަޒުން ވިދާޅުވިއެވެ. މި ސާމްޕަލްތައް ނެގެޓިވް ވުމުން ރަށް މޮނިޓަރިންއިން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސިއްހީ މަރުކަޒުން ވިދާޅުވިއެވެ. އެރަށް މޮނިޓަރިން އަށް ލެވުނުތާ މިއަދާ ހަމައަށް ވަނީ 34 ދުވަސް ވެފައެވެ.

"މިއީ ހަމަޔަޤީނުންވެސް މި ބަލިމަޑުކަމުން އަރައިގަތުމަށް ފަރެސްމާތޮޑާގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ ފުރިހަމަ އެއްބާރުލުމާއި، ދެއްވި އެހީތެރިކަމާއި، ދެއްކެވި ކިޔަމަންތެރި ނަމޫނާގެ ފޮނި ނަތީޖާ ކަމާއިމެދު ޝައްކެއް ނެތެވެ." ފަރެސްމާތޮޑާ ސިއްހީމަރުކަޒުން ވިދާޅުވެފައިވެއެވެ. އެރަށުން ބަލި ކޮންޓްރޯލް ކުރުމަށް ކަރަންޓީން ކުރެވުނު ފަރާތްތަކުން ދެއްވި އެއްބާރުލުމާއި، ދެއްކެވި ކިޔަމަންތެރި ކަމުގެ ނަތީޖާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"ކަރަންޓީން ކުރެވުނު ގެ ތަކުގެ ޒަރޫރީ ކަންކަން ބެލެހެއްޓުމުގައި އެހީތެރިވެ، ރެޔާއިދުވާލު މަސައްކަތް ކުރެއްވި ދަރުމަވެރިންނާއި، ފަރެސްމާތޮޑާ ކައުންސިލާއި އަދި ރަށުގެ އެންމެހައި މުއައްސަސާތައް ގުޅިގެން ކުރެއްވި ބުރަ މަސައްކަތުގެ ފޮނި މީރުކަން،" ކަމަށް ވެސް ވިދާޅުވެފައިވެއެވވެ.

ކޮވިޑް ބަލީގެ ފަރާތްތަކާއި އަދި އެހެނިހެން ބަލި މީހުންނަށް ފަރުވާ ދިނުމާއި ބަލި ކޮންޓްރޯލްކޮށް، ހާލަތު ވަޒަން ކުރުމަށް ރެޔާއިދުވާލު ޚިދުމަތުގައި ދެމިތިއްބެވި ފަރެސްމާތޮޑާ ޞިއްހީ މަރުކަޒުގެ ހީވާގި މުވައްޒަފުންނާއި އެހެނިހެން ފަރާތްތަކުން ކޮށްދެއްވި މަސައްކަތުގައި އަގުވަޒަން ކުރައްވާ ކަމަށް ވެސް ސިއްހީމަރުކަޒުން ވިދާޅުވިއެވެ.