ޕެސިފިކް ޖަޒީރާ ސަރަހައްދުގެ ގައުމުތަކުގެ ވެރިންގެ ބައްދަލުވުން ޖަޕާނުން ބާއްވައިފިއެވެ. މި ބައްދަލުވުމުގައި އޮސްޓްރޭލިއާއާއި ނިއުޒިލެންޑުންވެސް ބައިވެރިވިއެވެ. ޕެސިފިކްގެ 16 ގައުމަކާއެކު ބާއްވާފައިވާ ބައްދަލުވުމަކީ ޖަޕާނު މީޑިއާއިން ސިފަކުރިގޮތުގައި ޗައިނާގެ ބާރުދެއްކުމާ ދެކޮޅަށް ޚިޔާލު އެއްގޮތް ކުރުމަށް ބާއްވާފައިވާ ބައްދަލުވުމެކެވެ. ޗައިނާ ބޭނުން ވަނީ މިސަރަހައްދުގެ ގައުމުތަކުން ޓައިވާން ދޫކޮށް ޗައިނާއާ ސިޔާސީ ގުޅުން ގާއިމް ކުރާށެވެ.
16 ގައުމުގެ ވެރިންގެ މަޖާޒީ ބައްދަލުވުމަށްފަހު، މީޑިއާއާ ވާހަކަދައްކަވަމުން، ޖަޕާނުގެ ކެބިނެޓް ސެކެޓްރީގެ ނާއިބް ވިދާޅުވީ، މި ބައްދަލުވުމުގައި ޗައިނާއާއި ޓައިވާންގެ މައްސަލަ ބަހުސް ކޮށްފައި ނުވާ ކަމަށެވެ. މި ގައުމުތަކުގެ ވެރިން ވަނީ ކަނޑުގެ ސަރަހައްދު އެންމެނަށް ހުޅުވާފައި ބޭއްވުމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަ ދައްކަވާފައެވެ. އަދި މި މޭރުމުން ވަނީ ގައުމުތަކުން އެއްބަސްވާ ބަޔާނެއްވެސް ނެރެފައެވެ.
ޖަޕާނު ބޮޑު ވަޒީރު ޔޮޝިހިޑޭ ސޫގާ ވިދާޅުވީ ޕެސިފިކް ސަރަހައްދަކީ ބައިނަލްއަގްވާމީ ގާނޫނަށް އިޙުތިރާމް ކުރާ ސަރަހައްދެއް ކަމުގައި ހަދަން ޖެހޭނެ ކަށެވެ. އަދި ޕެސިފިކް ގައުމުތަކުގެ ކޮވިޑް އިންފްރާސްޓްރަކްޗަރ ބިނާ ކޮށްދެއްވާނެ ކަމަށާއި މި މަސްތެރޭގައި ތިން މިލިން ކޮވިޑް ފަރުވާގެ ޑޯޒްތައް މިގައުމުތަކަށް ފޮނުވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ޖަޕާނުން ވަނީ އެސްޓްރާ ޒެނެކާގެ 1.4 މިލިއަން ޑޯޒް ޓައިވާނަށް މިދިޔަ މަހު ފޮނުވާފައެވެ.