މަހެއްހާ ދުވަސް ފަހުން ގދ. ފަރެސްމާތޮޑާ އާންމު ހާލަތަށް ގެނެސްފިއެވެ.

އެރަށު ހެލްތު ސެންޓަރުން ބުނީ 31 މޭ ގައި މުޖްތަމަޢުތެރެއިން ކޮވިޑް ބަލި ފެނުމާއިގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، ބަލި ކޮންޓްރޯލް ކުރުމަށް ރަށް މޮނިޓަރިންގ އަށް ލެވިފައި އޮތް އޮތުން މިއަދު ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ.

ހެލްތު ސެންޓަރުން ބުނީ ރަށް މޮނިޓަރިންގ އަށް ލެވުނުތާ މިއަދާ ހަމައަށް 34 ދުވަސް ވީއިރު ރަށުން ފެނުނު ޖުމްލަ 60 ބަލިމީހުންގެތެރެއިން ރަށުގެ މުޖުތަމަޢު ތެރެއިން ފެނުނު ޖުމްލަ ބަލިމީހުންގެ އަދަދު 56 އަަށް އެރިނަމަވެސް އެ އެންމެހައި ފަރާތްތަކަށް ޝިފާދެއްވައި ބަލިން ފަސޭހަވެ، މިވަގުތު ރަށުގައި ކޮވިޑް ބަލީގެ މީހަކު ނެތް ކަމަށެވެ. އަދި ރަށުން ކޮވިޑް ބަލި މީހަކު ނުފެންނަތާ މިއަދާ ހަމައަށް 13 ދުވަސްވެފައިވާއިރު މި 13 ދުވަސްތެރޭގައި މުޖްތްމަޢު ތެރެއިން ނެގި 431 ރެންޑަމް ސާމްޕަލްވެސް ވަނީ ނެގަޓިވް ވެފައިވާ ކަމަށް ހެލްތު ސެންޓަރުން ބުނެއެވެ.

"މިފުރުސަތުގައި ޖުމްލަކޮށް ފަރެސްމާތޮޑާ މުއައްސަސާތަކާއި، މި މަސައްކަތުގައި ބައިވެރިވެދެއްވި ދަރުމަވެރިންނާއި، އަދި ފަރެސްމާތޮޑާގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމާއި، ދެއްކެވި ކިޔަމަންތެރިކަމާއި އަދި ރަށުން ބޭރުގެ ބައެއް ފަަރާތްތަކުގެ ދީލަތި އެހީތެރިކަމާއިއެކު ލިބިގެންދިޔަ މި ކާމިޔާބީއަށްޓަކައި ހުރިހާ ފަރާތްތަކަށް މި މަރުކަޒުގެ ނަމުގައި އިޚްލާސްތެރި ކަމާއެކު ފަށް ފަށުން ޝުކުރު ދަންނަވަމެވެ." ހެލްތު ސެންޓަރުން ބުނެއެވެ

އަދި ރަށް މޮނިޓަރިންގ އިން ނެގުނުކަމުގައިވިޔަސް ފަރުދީ ޒިންމާ އަދާ ކުރައްވާ، މާސްކް އެޅުމާއި ގިނަގިނައިން އަތް ދޮވުމާއި، ގައި ދުރުކަން ބެހެއްޓުމާއި، އަދި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އުސޫލުތަކަށް ޢަމަލު ކުރެއްވުމުގައި ދެމި ތިއްބެވުމަށް ހެލްތު ސެންޓަރުން ވަނީ އިލްތިމާސް ކޮށްފައެވެ.