ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައި ދޭން އެދުނު އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމު ވިދާޅު ވެއްޖެ އެވެ.

އަލީ ވަހީދުގެ ޕާސްޕޯތް ހިފެހެއްޓުމަށްއެދި ފުލުހުން ކްރިމިނަލް ކޯޓުގައި އަމުރަކަށސް އެދިފައިވަނީ ޖޫން 23 ވަނަ ދުވަހުއެވެ.

ޕީޖީ ޝަމީމް އަމިއްލަފުޅު ބްލޮގްގައި އާންމު ކުރެއްވި އޯޑިއޯ ޕޯސްޓްގައި ބުނެފައިވަނީ، އަމުރަށް އެދިފައިއޮތް މައްސަލައިގައި މިއަދު ކޯޓުން ގޮތެއް ނިންމަވާފައިވާކަމަށެވެ. އެގޮތުން އަލީ ވަހީދުގެ ޕށްޕޯތް ހިފެހެއްޓުމުގެ މަގްސަދެއް އޮތްކަމެއް ނުދެކޭތީ، ފުލުހުން ހުށަހަޅާފައިވާ ގޮތަށް އަމުރެއް ނެރެދެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާކަމަށެވެ.

"މި މައްސަލަ އަޅުގަނޑުމެން ހައިކޯޓުގައި އެޕީލް ކުރާނަން. އަޅުގަނޑު މި ދަންނަވަނީ މީނައަކީ ފިލައިގެން އުޅޭ މީހެކޭ. ހައިކޯޓަށް ވެސް ނުފެނިފައި ހުރި މީހެކޭ. ކްރިމިނަލް ކޯޓަށް ނުފެނިފައި ހުރި މީހެކޭ އަދި ސުޕްރީމް ކޯޓަށް ވެސް ނުފެނި އުޅުނު މީހެއް ކަމަށް ލިޔެކިޔުންތަކުން ފެންނަން އެބަ އޮތޭ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ އެހެންކަމުން އަލީގެ ޕާސްޕޯޓު ހިފަހައްޓާނެ ސަބަބުތައް އޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އިނގިރޭސިވިލާތުގައި މިވަގުތު ހުރި އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ބޭނުމަކީ އެޕާސްޕޯޓް ބޭނުންކޮށްގެން އަލީ ވަހީދަށް އިނގިރޭސިވިލާތުން އެހެން ގައުމަކަށް ދަތުރުކުރިޔަ ނުދިނުމެވެ. އަދި ޕީޖީ އޮފީހުން އުންމީދު ކުރަނީ އެ ހާލަތުގައި އަލީ ވަހީދަށް އެނބުރި ދަތުރުކުރެވޭނީ ހަމައެކަނި ދިވެހި ރާއްޖެއަށް ކަމަށް ޕީޖީން މީގެ ކުރިން ވަނީ ބުނެފައެވެ.