ކޮވިޑް 19 ޖެހުމަށްފަހު ބަލިން ފަސޭހަވި މީހުނަށް އެޗްޕީއޭ އިން ލުއި ދެއްވުމުން ގިނަ ފަރާތްތަކުން ކޮވިޑް ޖެހުން މާ ރަނޅުކަމަށް ބުނެ މީސް މީޑިއާގައި އަޑުފަތުރަމުން ދާން ފަށައިފިއެވެ. އެގޮތުން ޓިކްޓޮކްގަޔާއި އެހެނިހެން ފާރު ތަކުގައި މިކަމަށް ހިތްވަރުދޭ ޑްރާމާތައްވެސް ފެންނަމުން އެބަ ދެއެވެ. އަދި ތަފާތު އެކި ކެރެކްޓާތަކުންވެސް މި މިސެޖު ދެމުން އެބަ ދެއެވެ. މިއީ ވަރަށްވެސް ދެރަކަމެކެވެ.

ކޮވިޑް 19 އަށް ފައްސިވުމުން ބައެއް މީހުނަށް މާ ބޮޑުވަރު ނުވިޔަސް މި ބަލީގައި ރާއްޖެއިންވެސް 200 އަށްވުރެ ގިނަ މީހުން މިހާތަނަށް ދުނި ދޫކޮށްފިއެވެ. މީގެތެރޭގައި އުމުރުން ދޮށީ މީހުން ގިނަ ނަމަވެސް ޒުވާނުންނާއި މެދު އުމުރުފުރައިގެ މީހުންގެ އިތުރުން ކުޑަކުއްޖަކުވެސް ހިމެނެއެވެ. ހަމަ އެހެންމެ ބަލިޖެހިގެން އެތައް ތަކުލީފަކާއި ވޭނެއް ތަހައްމަލު ކުރި މީހުންވެސް ދިވެހިރާއްޖޭގައި މަދެއް ނޫނެވެ.

ކޮވިޑް ޖެހި ފަސޭހަ ވުމަށްފަހުވެސް އެތައް ޒަމާނެއްވަންދެން މިކަމުގެ އަސަރު ނުފިލާ ހުންނަ މީހުންގެ އަދަދުވެސް ގިނައެވެ. މިގޮތުން ދިމާވާ ބައެއް ކަންތައްތަކުގެ ތެރޭގައި ނޭވާ ކުރުވުމާއި ވަރުބަލިވުން، ކާތަކެތި ހަޖަމު ކުރުމުގއި މައްސަލަ ދިމާވުން، ގައިގާ ރިއްސުން، ހިތުގެ ވިންދު އަވަސްވުން، އަދި ނާރުތަކުގެ މައްސަލަ ދިމާވުން ހިމެނެއެވެ. އަދި މީގެ އިތުރަށްވެސް ނިދަން އުނދަގޫވުމާއި ހާސްވެ ކަންބޮޑުވުން ފަދަ ކަންތައްތައްވެސް ދިމާވެއެވެ.

ކޮވިޑް ޖެހުމަށް ފަހު ބަލިން ފަސޭހަވާ މީހުނަށާއި ކުޑަ ކުދިންނަށްވެސް ނުރައްކާތެރި އިތުރު ބަލިތައް ޖެހޭކަމަށް މުޅި ދުނިޔޭގެ ޑޮކްޓަރުން ހާމަ ކުރަމުން އެ ގެންދަވަނީއެވެ. ރާއްޖޭގައިވެސް ކޮވިޑް ބަލިން ރަނގަޅުވާ ކުޑަކުދިން ނަށް ނުރައްކާތެރި ބައްޔެއް ޖެހޭކަން ޑޮކްޓަ އަހުމަދު ފައިސަލް ވަނީ ހާމަ ކުރައްވާފައެވެ. މިގޮތުން ރާއްޖެއިން ފެނުނީ މަލްޓި ސިސްޓަމް އިންފްލްމޭންޓްރީ ސިންޑްރޯމް އިން ޗިލްޑްރެން (މިސް. ސީސް ) އެވެ. މި ބަލި ޖެހުމުން ގަދަ އަށް ހުން އައިސް ގުނަވަންތަކަށް ތަފާތު ގެއްލުންތައް ލިބެއެވެ. މި ބައްޔަކީ ކޮވިޑްގެ ދުވަސްވަރުގައިވެސް އަދި ކޮވިޑް ޖެހި ރަނގަޅުވެފައި ދެ ހަފުތާފަހުން ޖެހޭ ބައްޔެއްކަމަށްވެސް ޑޮކްޓަރ ފައިސަލް ހާމަ ކުރައްވާފައި ވެއެވެ.

އަދި މީގެ އިތުރަށްވެސް ކޮވިޑް 19 ޖެހި ރަނގަޅުވުމަށްފަހު ލޮލުގެ ފެނުންގެއްލޭ " މިއުކޯ މައިކޯ ސިސް " ނުވަތަ ވަރަށް މަދުން ފެންނަ ނުރައްކާތެރި އިންފެކްޝަނެއް ކަމަށްވާ "ބްލެކް ފަންގަސް" އަށް ޝައްކު ކުރެވޭ މީހަކުވެސް ރާއްޖެއިން ފެނުނެވެ. ނަމަވެސް ފަހުން ހެދި ޓެސްޓް ތަކުން އެއީ ބްލެކް ފަންގަސް ނޫން ކަން އެނގުނެވެ. ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި ކޮވިޑް ބަލިން ފަސޭހަވާ ބައެއް ފަރާތްތަކަށް މިފަދަ ނުރައްކާތެރި ބަލިތައް ތަހައްމަލުކުރަން ޖެހިފައި ވެއެވެ. އަދި މިހާރު ޑޮކްޓަރުން ހާމަ ކުރައްވަމުން ގެންދަވާ މައުލޫމާތަކީ ކޮވިޑް ޖެހި ރަނގަޅުވާ މީހުންގެ ހަށިގަނޑުގައި އެ ވައިރަސް ގިނަ ދުވަހު ދެމި ހުންނަ ކަމެވެ. އަދި މި ވައިރަސް މިއުޓޭޓްވެ އިތުރު ވޭރިއަންޓް އުފެދޭކަމެވެ. ސައުތު އެފްރިކާގެ ނެޝަނަލް އިންސްޓިޓިއުޓް ފޯރ ކޮމިއުނިކަބަލް ޑިސީސް ގެ ވައިރަސް އާއި ބެހޭ ތަޖުރިބާ ކާރެއްކަމަށްވާ ޕެނީ މޯރ ވިދާޅު ވިގޮތުގައި "އެއްވެސް ވައިރަސްއެއް މީހެއްގެ ހަށިގަޑުގައި ގިނަ ދުވަހު ހުރެއްޖެނަމަ ވޭރިއެންޓްސް އުފެދުމުގެ ފުރުޞަތު ވަރަށް ބޮޑުވެއެވެ. އެއީ އެމީހަގެ ހަށިގަނޑުގެ އެންޓިބޮޑީސް އާއި ހަނގުރާމަ ކުރުމުގެ ސަބަބުންނެވެ." މޯރ ވިދާޅުވާ ގޮތުގައި ވޭރިއަންޓްސް އުފެދުން ކޮންޓްރޯލް ކުރެވޭނީ ބަލިޖެހޭ ނިސްބަތް ދަށްކޮށްގެނެވެ.

އެހެންކަމުން ބަލި ޖެހުން ކޮންޓްރޯލު ކުރުމަށް ބާރު އަޅަން ވީއެވެ. ބަލި ޖެހުމަށް ހިތްވަރު ދިނުމުގެ ބަދަލުގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ހުރިހާފަރާތް ތަކުންވެސް ހިތްވަރު ދޭން ވީއެވެ.

މިފަދަ ނުރައްކާތެރި ބަލިމަޑުކަމެއް ފެތެރެމުން ދާއިރު ރަށަށް ނުދެވުމުގެ ސަބަބުން ކޮވިޑް ޖެހުން މާ ރަނގަޅޭ ނުބުނާށެވެ. ކޮވިޑް ޖެހުން ރަނގަޅުވާނެ އެއްވެސް ގޮތެއް ނެތެވެ. އެހެން ނަމަވެސް ދެ ވެކްސިން ފުރިހަމަކޮށް ގެއިން ނުނުކުމެ އެޗްޕީއޭގެ ގަވާއިދު ތަކަށް ބޯލަނބައިގެން ގޭގައި ތިބި ފަރާތް ތަކަށްވެސް ލުއި ލިބުން ހައްގެވެ. އެމީހުނަށް ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ޓެސްޓް ހަދައިގެންވެސް އާއިލާއާއި ބައްދަލުވާނެ ފުރުޞަތު ނުލިބުމުން މިފަދަ ނުރައްކާތެރި މެސެޖުތައް މީސް މީޑިއާގައި އިތުރުވަމުން ދަނީއެވެ.