ގދ.ތިނަދޫ އިން ރިކޯޑު އަދަދަކަށް އިއްޔެ ކޮވިޑް-19 އަށް މީހުން ޕޮޒިޓިވް ވެއްޖެއެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ އިއްޔެ އެރަށުން 44 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އިއްޔެ އަކީ ރަށުން އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި ތިނަދޫ ފްލޫ ކްލިނިކަށް ދެއްކި ހަތަރު މީހަކު ވެސް ހިމެނެއެވެ.

ތިނަދޫ އިން ރިކޯޑު އަދަދަކަށް މީހުން ޕޮޒިޓިވް ވެފައިވާއިރު ހަތް ދުވަހުގެ މުއްދަތަށް އެ ރަށުގައި އަންނަނީ 24 ގަޑިއިރަށް ކާފިއު ހިންގަމުންނެވެ.

ކާފިއު ހިންގުމުގެ އިތުރުން ކޮންމެ ގެއަކަށް ދޫކޮށްފައިވާ ހައުސްހޯލްޑް ޕާމިޓްތައް އެއް ހަފްތާއަށް ކެންސަލް ކުރުމާއި،ކަސްރަތު ކުރުމަށް ދީފައިވާ ވަގުތު ކެންސަލްކުރުމާއި، އެޗްޕީއޭއިން އަންގާފައިވާ ގޮތަށް ސަރުކާރު އިދާރާތަކުންދޭ ޒަރޫރީ ބޭނުންތަކަށް އޮފީސްތަކަށް ހާޒިރުވާންޖެހޭ އެންމެ މަދު މުވައްޒަފުން ބޭނުންކޮށްގެން ޚިދުމަތް ދިނުމަށް ވެސް ކައުންސިލުން ވަނީ އަންގާފައެވެ.