އައްޑޫ ސިޓީން މިއަދު އިތުރު 7 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވީ މިއަދު ޕޮޒިޓިވްވެފައިވަނީ މުޅިން ވެސް ދިވެހީންނެވެ. އެންމެން ވެސް ޕޮޒިޓިވް ވެފައިވަނީ ހިތަދޫއިންނެވެ.

މިއަދު ޕޮޒިޓިވްވި 7 މީހުންގެ ތެރެއިން ދެ މީހަކީ ރެންޑަމް ސާމްޕަލެވެ. އަނެއް 5 މީހުންނަކީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި މީހުންނެވެ.

މި އަދަދާއެކު އައްޑޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 499 އެވެ. މީގެ ތެރެއިން ބަލި ފަސޭހަވި މީހުންގެ ޖުމްލައަކީ 434 އެވެ. ބަލިން ރަނގަޅުވެގެން މިއަދު ދޫކޮށްފައިވަނީ 7 މީހުންނެވެ.

އައްޑޫއިން މިއަދު ޕޮޒިޓިވްވި 7 މީހުންނާއެކު އެކްޓިވް ކޭސްގެ ޖުމްލަ އަދަދު މިހާރުވަނީ 63 އަށް އަރައިފައެވެ. އެއީ ހިތަދޫގައި ތިބި 57 މީހަކާއި މަރަދޫގައި ތިބި 6 މީހެކެވެ.

މި ބަލީގައި މިހާތަނަށް އައްޑޫ އިން ވަނީ 2 މީހަކު ނިޔާވެފައެވެ.