ދިވެހިބަހުން ލިޔެފައިވާ ނަޞާރާ ދީނުގެ ލިޔުންތަކެއް ކަސްޓަމްސް އިން ހިފަހައްޓައިފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ ޕޯސްޓްގެ ޒަރިއްޔާއިން ދިވެހިރާއްޖެއަށް ގެންނަ ލިޔެކިޔުންތައް ބަލާ ފާސްކުރުމުގެ ތެރޭގައި، މިފަހަކަށް އައިސް ނަޞާރާ ދީނުގެ މަޢުލޫމާތު ދިވެހިބަހުން ލިޔެފައިވާ ލިޔުންތަކެއް، ބޭރުގެ އެކި އެކި ފަރާތްތަކުގެ ނަމުގައި ދިވެހިރާއްޖެއަށް ފޮނުވަމުން އަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ނަޞާރާ ދީނުގެ މަޢުލޫމާތު ދިވެހިބަހުން ލިޔެފައިވާ މިލިޔުންތައް ދިވެހިރާއްޖެއަށް ފޮނުވާފައި ހުންނަނީ ސިޓީއުރަ ކުރެވި، ދިވެހިރާއްޖޭގެ ތަފާތު މުޢައްސަސާތަކާއި ވިޔަފާރި ކުންފުނިތައް އަދި އަމިއްލަ ފަރުދުންނަށް އެޑްރެސް ކޮށްފައިކަން ވެސް ކަސްޓަމްސް އިން ވަނީ ފާހަގަކޮށްފަ އެވެ.
އެހެންނަމަވެސް މިހާތަނަށް ކަސްޓަމްސްއިން ބެލި ބެލުމުން، މިކަމަކީ އެލިޔުންތައް އެޑްރެސް ކޮށްފައިވާ ފަރާތްތަކަށް އެނގުމަކާ ނުލައި، އޮޅުވާލުމެއްގެ ތެރެއިން ކުރަމުންދާ ކަމެއްކަމަށް ބެލެވޭ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ ޤާނޫނު ނަންބަރު 94/6 (ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ނ) ގެ 7 ވަނަ ނަންބަރުގެ ދަށުން އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ފޮތްތައް ދިވެހިރާއްޖެ ގެނައުމާއި، އެފަދަ ފޮތްތައް އިޝްތިހާރުކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ދިވެހިންނަށް ދެއްކުމާއި، އެފަދަ ފޮތްތަކުގެ މަޢުރަޟުތައް ބޭއްވުމާއި، ވިއްކުމާއި، ދިނުމާއި ދިވެހިރާއްޖޭގައި ޢާންމުކޮށް ފެންނަގޮތަށް ގެންގުޅުމަކީ ވެސް މަނާކަމެއް ކަމަށެވެ.
މީގެ އިތުރުން ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން، އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަ ލިޔެފައި ހުންނަ ނުވަތަ އެފަދަ ކުރެހުން ހުންނަ ފޮތް، މަޖައްލާ، ނޫސްފަދަ ތަކެއްޗާއި، މިފަދަ ވާހަކައާއި މަންޒަރު އަޅާފައި ހުންނަ ޓޭޕް، ޑިސްކެޓް ފަދަ ތަކެއްޗާއި، އިސްލާމްދީނަށް އިހާނެތިކޮށް ހިތޭފަދަ ތަކެތި ދިވެހިރާއްޖެއަށް ގެނައުމާއި ދިވެހިރާއްޖޭގައި އުފެއްދުމާއި، ގެންގުޅުމާއި، ވިއްކުމާއި، ފެތުރުމަކީވެސް މަނާކަންތައްތައްކަން ކަސްޓަމްސް އިން ވަނީ ފާހަގަކޮށްފަ އެވެ.
ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނުގެ 4 ވަަނަ މާއްދާގެ (ޅ) ގެ ދަށުން މިފަދަ ލިޔުންތައް ދިވެހިރާއްޖެއަށް އެތެރެވިޔަނުދީ ކަސްޓަމްސްއިން އަންނަނީ ހިފަހައްޓަމުން ނެވެ. އަދި މިކަމުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތްތައް ހޯދައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދީ ހުއްޓުވުމަށްޓަކައި ކަސްޓަމްސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ދަނީ މި މައްސަލަ އިތުރަށް ތަޙްޤީޤްކުރަމުން ނެވެ.