ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ތެރެއިން އިތުރު ސިޔާސީ ޕާޓީއެއް ހަދާކަށް ނޫޅެ ކަމަށާއި އެފަދަ މަސައްކަތެއް ވެސް ނުކުރާ ކަމަށް ޖޭޕީގެ ޗީފް ސްޕޯކްސް ޕަރސަން އަލީ ސޯލިހު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ މިއަދުގެ ހެނދުނުގެ ދަންފަޅީގައި ބިލެއްދޫ ދާއިރާ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަ އެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން އަހްމަދު ހަލީމް ވިދާޅުވީ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ މަޖިލީހުގެ މެމްބަރުން ހިމެނޭހެން ސިޔާސީ އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އެ ޕާޓީ އޮފީހުގެ ތެރޭގައި މިވަގުތު ހިނގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މިކަމާއިގުޅިގެން އަލީ ސޯލިހު ވިދާޅުވީ އެއީ ކަނޑައެޅިގެން މެމްބަރު ހެއްދެވި ދޮގެއް ކަަމަށެވެ.
އެހެންނަމަވެސް ޖޭޕީގައި ތިބި ބަޔަކު އެހެން ސިޔާސީ ޕާޓީއެއް އުފެއްދުން ނުވަތަ އެހެން ސިޔާސީ ވިސްނުމެއްގަ ތިބި ބަޔަކު ސިޔާސީ ޕާޓީއެއް އުފެއްދުމަކީ ޖޭޕީ ތެރޭގައި ޕާޓީއެއް އުފެއްދުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވަނީ ޖުމްހޫރީ ޕާޓީ އާއި ގުޅުވައިގެން ދޮގު ވާހަކަތައް ނުފެތުރުމަށްވެސް ގޮވާލައްވާފަ އެވެ.