ކޮވީޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަރަންޓީން ނުވެ ރަށަށް ދެވޭގޮތް ހަދައިފިއެވެ.

ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާ ގުޅޭ ގޮތުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުނަށް ކަރަންޓީނާ ނުލައި ރަށަށް ދެވޭ ގޮތަށް އުސޫލުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީންނުވެ ރަށަށް ދެވޭނީ ވެކްސިން ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތަކަށް ކަމަށާއި ދަތުރުކުރެވޭނީ މޮނިޓަރިންގައި ނެތް ރަށްރަށަށް ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު ކަމަަށެވެ.

މާދަމާ އިން ފެށިގެން އެ އުސޫލަށް އަމަލުކުރާ ގޮތަށް ނިންމާފައިވާއިރު ޕީސީއާރް ނެގެޓިވް ނަތީޖާއެއްގެ ގޮތުގައި ރެންޑަމްކޮށް ނަގައި ސާމްޕަލް ވެސް ބަލައިގަންނާނެ އެވެ.

އެންމެ ފަހުން ދިން ލުއިތަކުގެ ތެރޭގައި ކޮވިޑް ޖެހި ރަނގަޅުވިތާ 60 ދުވަސް ނުވާ މީހުން ރަށްރަށަށް ގޮސް ކަރަންޓީނުވާން ނުޖެހޭ ގޮތް ވަނީ ހަދައިފަ އެވެ.