އައްޑޫ ސިޓީން މިއަދު ކޮވިޑް ކޭސްއެއް ނުފެންނަ ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވެއްޖެއެވެ. މިއީ އެސިޓީގެ ރައްޔިތުންނަށް ލިބިގެންދިޔަ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެކެވެ. އައްޑޫ ސިޓީ ހިތަދޫއިން އިއްޔެވަނީ 7 މީހުން ޕޮޒިޓިވް ވެފައެވެ. އެގެ ތެރޭގައި ރެންޑަމް ދެ ސާމްޕަލް ހިމެނެއެވެ.

މިއަދު އެންމެ ބޮޑަށް ފާހަގަ ވެެގެންދިޔައީ ބަލި މީހަކު ނުފެނި އިތުރު 9 މީހަކު ބަލިން ފަސޭހަވުމެވެ.

މިހާތަނަށް އައްޑޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 499 އެވެ. މީގެ ތެރެއިން ބަލި ފަސޭހަވި މީހުންގެ ޖުމްލައަކީ 443 އެވެ. އައްޑޫގެ މިހާރުގެ އެކްޓިވް ކޭސްގެ ޖުމްލަ އަދަދަކީ 54 އެވެ. އެއީ ހިތަދޫގައި ތިބި 48 މީހަކާއި މަރަދޫގައި ތިބި 6 މީހެކެވެ. މި ދެ ރަށް ފިޔަވައި އައްޑޫގެ އެހެން ރަށަކު ކޮވިޑް ކޭސް އެއް ނެތެވެ.

މި ބަލީގައި މިހާތަނަށް އައްޑޫ އިން ވަނީ 2 މީހަކު ނިޔާވެފައެވެ. ތިން މީހަކަށް ގެންދަނީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ.