ހަތިޔާރާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ގެކޮޅު މޮނީޓާކުރަންޖެހޭ ގޮތަށް ހިމެނުމަށްފަހު މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދިޔަ އިންކުއަރީގެ ފައިނަލް ރިޕޯޓް ރޭ ފާސްކޮށްފިއެވެ.

ކޮމިޓީ ރިޕޯޓް ޖުމްލަ 45 ރިކޮމެންޑާޝަނެއް ހިމެނެއެވެ. އޭގެ ތެރޭގައި ރައީސް ނަޝީދު ގެކޮޅުގައި ދިރިއުޅުއްވާ ވަގުތުގައާއި ނޫޅުއްވާ ވަގުތުގައިވެސް ގެއަށް ވަދެވޭ ފަރާތްތައް ކޮންޓްރޯލް ކުރުމަށާއި ހަތިޔާރާއެކު ސިފައިން، އެމަނިކުފާނު ގެކޮޅު ސަރަހައްދުގައި 24 ގަޑިއިރު ފޯރި މަރަން ޖެހޭނެއެވެ. ނަމަވެސް މިގޮތަށް އަމަލު ކުރާނީ ނަޝީދަށް ތްރެޓެއް އޮތް ނަމައެވެ.

ކޮމިޓީން ފާސްކުރި އެ ހުށަހެޅުންތަކުގެ ތެރޭގައި ނަޝީދަށް ހަމަލާއެއް ދީފާނެ ކަމުގެ ނުރައްކާ އޮތްހާ ހިނދަކު ޑިފެންސް އިންޓެލިޖެންސް އިން ކަނޑައަޅާ ގޮތެއްގެ މަތީން ނަޝީދަށް އޮތް ތްރެޓް ލެވެލްތަކާ އެއް ފެންވަރަކަށް ސެކިއުރިޓީ ހަމަޖެއްސުމާއި، ޑިފެންސް އިންޓެލިޖެންސްގެ ތްރެޓް އެސެސްމެންޓްތަކަށްފަހު ރެކޮމެންޑޭޝަންތައް ތަންފީޒު ކުރުމާއި، ނަޝީދުގެ ކްލޯޒް ޕްރޮޓެކްޝަން ޓީމްގެ ހުރިހާ މެމްބަރުންނަށް ގަވާއިދުން ކަނޑައެޅިފައިވާ އޮންނަ ޝެޑިއުލެއްގެ ދަށުން ރިފްރެޝާ ތަމްރީން ދިނުން ހިމެނެއެވެ.

އަދި ނަޝީދު ގޭގައި އުޅުއްވާ ވަގުތާއި ބޭރުގައި އުޅުއްވާ ވަގުތު ވެސް ހަތިޔާރާއެކު ފޯރި މެރުމާއި، ނަޝީދުގެ ގެކޮޅުގެ ސަރަހައްދު ސިސީޓީވީން މޮނިޓާ ކުރުމާއި، ނަޝީދުގެ ގެކޮޅުގެ އިވެކުއޭޝަން ޕްރޮސީޖާ ކަނޑައަޅައި އެ ޕްރޮސީޖާތަކާ ގުޅޭގޮތުން ކްލޯސް ޕްރޮޓެކްޝަން ޓީމު ތަމްރީން ކުރުންވެސް ވަނީ ހިމަނާފައެވެ.

މީގެއިތުރުން ނަޝީދަށް ރައްކާތެރިކަން ދޭން ޖެހޭ ހާލަތްތަކުގައި ފުލުހުންގެ އެހީތެރިކަން ހޯދުމާއި، ނަޝީދުގެ ކާރުކޮޅަކީ ސްޓެންޑަޑް އާމްޑް ކާރުކޮޅެއް ކަން ކަށަވަރު ކުރުމާއެކު ކާރުކޮޅު ބޭނުން ކުރުމުގެ ކުރިން ކާރުގެ ހާލަތު ރަނގަޅަށް ބެލުމަށް ވެސް ވަނީ ހިމަނާފައެވެ.

އަދި ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމުގައި އީއޯޑީ ތަމްރީން ފުރިހަމަކޮށްފައި ހުރި ފަރާތްތައް ހިމެނުމާއި، ނަޝީދުގެ ކްލޯޒް ޕްރޮޓެކްޝަން ޓީމުގައި ހިމެނޭ ފަރާތްތަކަކީ ޑިފެންސް އިންޓެލިޖެންސް ސާވިސް އާއި ޕޮލިސް ސާވިސްއިން ވެޓް ކޮށްފައިވާ ބަޔަކަށްވުން ވެސް ވަނީ ހިމަނާފައެވެ.