ކޮވިޑް-19އާ ގުޅިގެން އަތޮޅު ތެރެއިން އެންމެ ހާލަތު ގޯސްވި ޅ. ނައިފަރުގެ މޮނިޓަރިން އުވާލައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ ނައިފަރުގެ މޮނީޓަރިންގެ ހާލަތު އުވާލައި މިއަދު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެރަށް މޮނީޓަރިންއިން ނަގާފައިވަނީ މިއަދު ހަވީރު 4:50ގައެވެ.
ނައިފަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ރ. އުނގޫފާރުން އެރަށަށް ދަތުރުކުރި މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
މިހާތަނަށް އަތޮޅުތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވި އަދި އެންމެ ގިނަ ދުވަހު މޮނިޓަރިންގައި އޮތް ނައިފަރު މޮނީޓަރިންނަށް ލާފައި ވަނީ މިއަހަރުގެ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ.
ކޮވިޑްގައި ނައިފަރުން ހަތަރު މީހަކު މަރުވެފައިވާއިރު ބަލި ޖެހުން މީހުންގެ ޖުމްލަ އަދަދު 921 ވަނީ އަރާފައެވެ. މިހާރު ބަލި ޖެހުނު މީހުންގެ ތެރެއިން 97 އިންސައްތަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.