"ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން މުޖުތަމައުގައި އިތުރަށް ބައިބައިވުން އުފެދޭނެކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އެކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޤާނޫނުލްޢުޤޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ ނަފްރަތުގެ ކުށް ކަނޑައަޅާ ބިލަކީ ދިވެހިރާއްޖޭގެ މި އިސްލާމީ މުޖްތަމައާއި އެންމެ އެކަށޭނަ ބިލެއް ނޫންކަމަށެވެ.

"މިކޯލިޝަނުން ދެކޭ ގޮތުގައި ހަރުކަށި ފިކުރު އިތުރުވަނީ ޤާނޫނާއި ޤަވައިދު ނެތިގެނެއްނޫނެވެ. ހެދިފައިވާ ޤާނޫނުތަކާއި ޤަވައިދުތައް ތަންފީޒު ނުކުރެވުމުގެ ސަބަބުންނެވެ." އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފައިވެއެވެ.

އަދި މި ބިލުގެ ސަބަބުން މުޖްތައަމަޢު އިތުރަށް ބައިބައިވެ، ރައްޔިތުންގެ މެދުގައި އިތުރަށް ނަފްރަތު އުފެދި، ޤައުމު އިތުރަށް ފަސާދަވުމުގެ ފުރުސަތު ބޮޑުކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިބިލުގެ ސަބަބުން އިސްލާމްދީނަށް ފުރައްސާރަކޮށް ދީން ނިކަމެތި ކުރުމަށް ހިތްވަރު ލިބިގެންދާނެކަމަށެވެ.

މި ބަޔާން އިދިކޮޅުން ނެރެފައިވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މި އިސްލާހުގެ ކޮމިޓީ ރިޕޯޓް ހުށަހަޅާ ވޯޓަށް އެހުމަށް އެޖެންޑާ ކޮށްފައިވާތީއެވެ.