ޕާކިސްތާން ޕާލަމެންޓުން ފާސްކުރަން ނިންމާފައިވާ ގެވެށި އަނިޔާއާ ބެހޭ ބިލް މައްސަލައަކަށް ވެއްޖެއެވެ. އިސްލާމީ ޚިޔާލުގެ މީހުން ބުނެފައި ވަނީ މި ބިލަކީ އިސްލާމީ ޝަރީއާއާ ފުށުއަރާ ބިލެއް ކަމަށެވެ. އަދި ޕާކިސްތާންގެ ކައުންސިލް އޮފް އިސްލާމިކް އައިޑިއޮލޮޖީންވެސް ހުށަހަޅާފައި ވަނީ މިބިލް މިހާރު އޮތް ގޮތަށް ފާސް ނުކުރުމަށެވެ.
ކައުންސިލް އޮފް އިސްލާމިކް އައިޑިއޮލޮޖީން ވަނީ އެބިލާ ބެހޭ ގޮތުން އެކައުންސިލްގެ ރައުޔު ޕާކިސްތާންގެ ހިއުމަން ރައިޓްސް މިނިސްޓްރީއަށް ފޮނުވާފައެވެ. ޕާލަމެންޓުން އިސްލާމިކް ކައުންސިލްގެ ޚިޔާލަށް ރިއާޔަތް ކޮށްފައެއް ނުވެއެވެ.
ޕާކިސްތާން ސަރުކާރުން ބުނެފައި ވަނީ ބިލެއް ޕާލަމެންޓަށް ވަނުމަށްފަހު އެއީ ޕާލަމެންޓްގެ އެއްޗެއް ކަމަށެވެ. އެހެންވެ ދެން އެއާ މެދު ގޮތެއް ނިންމާނީ ޕާލަމެންޓުން ކަމަށެވެ. ޕާކިސްތާންގެ ބައެއް ސިޔާސީ ފަރާތްތަކުންނާއި އިސްލާމީ ޚިޔާލުގެ ޕާޓީތަކުން ވެސް ދެކޮޅު ހަދާފައި ވެއެވެ.
މި ބިލްގެ ބަހުސް ހޫނުވެގެން ދިއުމާއެކު ޕާކިސްތާންގެ އިންފޮމޭޝަން މިނިސްޓަރ ފަވާދް ޗައުދްރީ ވަނީ މި ބިލްގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ މިބިލް ކެބިނެޓްގައި ފާސްކުރީވެސް މުސްލިމުންގެ ބަޔަކު ވޯޓްލައިގެން ކަމަށެވެ. އަދި ޕާލަމެންޓްގެ ދެ ގޭގައި ވެސް މި ބިލަށް ވޯޓްލާފައި ވަނީވެސް މުސްލިމުން ކަމަށެވެ. އަދި ޕަންޖާބާއި ސިންދާއި ޚައިބަރު ޕަޚްތޫންޚުވާގައިވެސް މިފަދަ ބިލް ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.