ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމަވާ 3000 މެމްބަރުންގެ ސޮއި ހަމަކޮށްފިއެވެ.

މިހާރު ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ކާނަލް ނާޒިމް ސިޔާސީ ޕާޓީއެއް ހެދުމަށް ނިންމަވާ ސޮއި ހަމަކޮށްފައިވާއިރު، ކާނަލް ނާޒިމާއެކު މަޖިލީހުގެ އިތުރު ހަތަރު މެމްބަރަކުވެސް އެ ޕާޓީއަށް ސޮއި ކުރައްވާފައިވާކަމަށް މައުލޫމާތު ލިބެއެވެ. އޭގެތެރޭގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، މަޖިލީހުގެ ވަކި ޕާޓީއަކަށް ނިސްބަތްނުވާ ތިން މެމްބަރުން ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް އެއީ ކޮން މެމްބަރުންނެއް ކަމެއް ސާފެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި މި މަހުގެ ތެރޭގައި ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ހޯދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމަށް ވަނީ ނިންމަވާފަ އެވެ. ނާޒިމް ސިޔާސީ މަސައްކަތްތަކަށް ނުކުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުގައި އޭނާގެ ބޮޑު ހިއްސާއެއް އޮތް ކަމަށް ކުރެވުނު ތުހުމަތުތަކާއެކު ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަން ލިބިވަޑައިގެންނެވި ހިސާބުންނެވެ.