ފާއިތުވި 24 ގަޑިއިރުތެރޭ އައްޑޫ ސިޓީން އިތުރު 11 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވިއެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެހީންނާއި 3 ބިދޭސީއެކެވެ. އެއީ ހިތަދޫގައި ޑައިރެކްޓް ކޮންޓެކްޓް ވެފައި ތިބި މީހުންގެ ތެރެއިން 4 ދިވެއްސަކާއި 3 ބިދޭސީއަކާއި ހިތަދޫ ފުލޫކުލިނިކަށް ދެއްކި ދެ މީހަކާއި ހިތަދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކާއި މަރަދޫން ޕޮޒިޓިވްވި ރެންޑަމް ސާމްްޕަލެކެވެ.

މިހާތަނަށް އައްޑޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 512 އަށް އަރައިފައެވެ. މީގެ ތެރެއިން ބަލި ފަސޭހަވި މީހުންގެ ޖުމްލަ ވަނީ 458 އަށް އަރައިފައެވެ. އައްޑޫގެ މިހާރުގެ އެކްޓިވް ކޭސްގެ ޖުމްލަ އަދަދަކީ 52 އެވެ. އެއީ ހިތަދޫގައި ތިބި 47 މީހަކާއި މަރަދޫގައި ތިބި 5 މީހެކެވެ. މި ދެ ރަށް ފިޔަވައި އައްޑޫގެ އެހެން ރަށަކު ކޮވިޑް ކޭސް އެއް ނެތެވެ.

މި ބަލީގައި މިހާތަނަށް އައްޑޫ އިން ވަނީ 2 މީހަކު ނިޔާވެފައެވެ.