ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާގެ ކައިރިއަށް ގޮސް، އެ ތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހާގެ ބަންދަށް ހަތް ދުވަސް ކޯޓުން ޖަހައިފި އެވެ.
މުލިއާގެ ކައިރިން ދަމުން ބޮމެއް އޮތް ކަމަށް ބުނުމުން ދެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެ ދެ މީހުންގެ ތެރެއިން އެކަކު ވަނީ ފަހުން ދޫކޮށްލާފައެވެ.
ހައްޔަރުކުރި އަނެއް މީހާއަކީ ބޮމެއް އޮތް ކަމަށް ބުނި މީހާއެވެ. އޭނާގެ ބަންދު މުއްދަތު ކްރިމިނަލް ކޯޓުން ޖަހާފައި ވަނީ އިއްޔެ އެވެ.
މުލިއާގެ ކައިރިން ދަމުން ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށްފަހު މުލިއާގެ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.