ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އިސްވެރިންގެ ގާތް ތިމާގެ މީހުން ހޮންކޮންގުން އަގުބޮޑު ގެތައް ގަނެފައިވާ ކަމަށާއި އެމީހުން ގިނަ އަދަދަކަށް ފައިސާ ބޭންކުތަކަށް ލާފައިވާ ކަމަށް ނިއުޔޯރކް ޓައިމްސްއިން ރިޕޯޓް ކޮށްފިއެވެ.

ނިއުޔޯރކް ޓައިމްސްއިން ހިންގި އިންވެސްޓިގޭޝަނެއްގައި ބުނެފައިވަނީ ޗައިނާގެ އެންމެ މަތީ އިސް ތިން ވެރިންްގެ އާއިލާއިން ހޮންގކޮންގގައި އިންވެސްޓްކޮށްފައިވާ ކަމަށެވެ. އަދި ހޮންގކޮންގގެ މާލީ މަރުކަޒެއްގެ ގޮތުގެ ޚާއްސަކަން ގެއްލިގެން ހިނގައްޖެނަމަ، މި މީހުންގެ މާލިއްޔަތަށް މިއިން ގެއްލުންވާނެ ކަމުގައެވެ.

ލީ ޒާންޝޫގެ އަންހެން ދަރިފުޅު، ލީ ޝިއާންޗިން ވަނީ ހޮންގކޮންގގައި 15 މިލިއަން ޑޮލަރުގެ ބީޗް ހައުސްއެއް (ފޮޓޯގައި) ބައްލަވައިގެންފައެވެ. 2013 ގައި އޭނާ ބައްލަވަައިގަތް މި ގެއަކީ، ހަތަރު ބުރީގެ އިމާރާތެކެވެ. އެއިރު އޭނާގެ އުމުރަކީ 31 އަހަރެވެ.

މިއިންވެސްޓިގޭޝަން ހިންގި ދެ ނޫސްވެރިން ކަމަށްވާ އެލެގްޒެންޑްރާ ސްޓީވެންސަން އާއި މައިކަލް ފޯސެތު ބުނާ ގޮތުން މިކަނބުލޭގެ މިވަރުގެ މުއްސަނދިކަމެއް ހޯއްދަވާފައިވަނީ ކިހިނެއްކަން އެނގޭކަށެއް ނެތް ކަމަށެވެ.

މިކަނބުލޭގެ ބައްޕަ، ލީ ޒާންޝޫއަކީ ޗައިނާގެ ގާނޫނުހަދާ މަޖިލީހުގެ ރަައީސެވެ.

މީގެ އިތުރުން ނިއުޔޯރކް ޓައިމްސްއަށް ލިބިފައިވާ މަޢްލޫމާތުން އެނގެނީ އިސްވެރިން 51 މިލިއަން ޑޮލަރު ހޮންގކޮންގގަައި އިންވެސްޓްކޮށްފައިވާ ކަމަށެވެ.

ދެ ވަނައަށް ޓައިމްސްއިން ނަން ކިޔާފައިވާ ފަރާތަކީ، ޗައިނާގެ ރައީސް، ޝީ ޖިންޕިންގެ ދައްތަ ޝީ ޝިއާއޯޝިއާއޯއެވެ. އެކަމަނާ ހޮންގކޮންގގައި އިމާރާތްތައް ބައްލަވައިގަންނަވަން ފައްޓާވާފައިވަނީ 1991 އިން ފެށިގެން ކަމަށް ހޮންގކޮންގ ގެ ރެކޯޑްތަކުން ދައްކައެވެ.

އެކަމަނާގެ އަންހެން ދަރިފުޅު، ޗާންގ ޔެންނާން ވަނީ 2009 ގައި ރިޕަލްސް ބޭއިން 19.3 މިލިއަން އެމެރިކާ ޑޮލަރަށް ވިލާއެއް ބައްލަވައިގެންފައެވެ. އަދި ސިޓީގެ ރެކޯޑްތަކުން ދައްކާގޮތުން އެކަމަނާ ވަނީ އިތުރު އެހެން ފަސް ގެއެއްވެސް ބައްލަވަައިގެންފައެވެ.

ތިންވަނައަށް ޓައިމްސްއިން ނަން ކިޔާފައިވާ ފަރާތަކީ ވޭންގ ޔޭންގއެވެ. އޭނާއަކީ، ޕޮލިޓް ބިއުރޯގެ ބާރުގަދަ ހަތް މެންބަރުންގެ ތެރޭން އެއް ބޭފުޅެކެވެ. އޭނާގެ އަންހެން ދަރިފުޅު، ވާންގް ޝީޝާ ވަނީ ދެ މިލިއަން ޑޮލަރަށް ހޮންގކޮންގ ގައި ގެއެއް ބައްލަވައިގެންފައެވެ. މި ކަނބުލޭގެ އަކީ، ކުރިން ޑޮއިޗް ބެންކްގައި އިސްމަގާމެއް ފުރުއްވި ކަނބަލެކެވެ.