ކޯވިޑް-19 ޖެހުނު އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

މިއަދު މަރުވި މީހާއާއިއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 37 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 30 ދިވެހިންނާއި 7 ބިދޭސީންނެވެ.

މިއަދު ނިޔާވެފައިވަނީ ޢުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން މައުލޫމާތުދެއެވެ. މި މީހާ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރު ފަހު 3:50 ހާއިރު ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޮވިޑަށް ރާއްޖެ އިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11،178 އަށް އަރައިފަ އެވެ. އޭގެ ތެރެއިން 10،097 މީހުން ރަނގަޅުވެފައިވާއިރު މިވަގުތު ފަރުވާދެމުން އަންނަނީ 1،138 މީހުންނަށެވެ.

މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބީ 43 މީހުންނެވެ. އެ އެންމެން ވެސް ތިބީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަދު ނިޔާވި މީހާއަކީ މި ބަލީގައި ރާއްޖެއިން މިމަހު ނިޔާވި ތިން ވަނަ މީހާއެވެ. މިމަހުގެ 17 ވަނަ ދުވަހުވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ.