ޢަބްދުﷲ ރިޔާޒު ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޢަބްދުﷲ ރިޔާޒު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް މިއަދު ފޮނުއްވި ސިޓީގައި ވަނީ ސިޔާސީ ޕާޓީއެއް އުފައްދައިގެން ދިވެހި ގައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ނިންމާފައިވާތީ މިއަދުން ފެށިގެން އެ ޕާޓީގެ މެމްބަރުކަމުން ވަކިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުގެ މަގާމު ވެސް އަދާ ކުރެއްވި އަބްދުﷲ ރިޔާޒު އިތުރަށް ވިދާޅުވެފައިވަނީ "މި ފުރުސަތުގައި މަނިކުފާނާއި ޖުމްހޫރީ ޕާޓީގެ އެންމެހައި މެމްބަރުންގެ ފަރާތުން އަޅުގަނޑަށް ވެވަޑައިގެންނެވި އެންމެހައި އެހީތެރިކަމާއި އެއްބާރުލުމަށް ހިތުގެ އެންމެ ފުންމިނުން އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ،" މިފަދައިން ނެވެ.

ރިޔާޒު ޖޭޕީން ވަކިވެވަޑައިގަންނަވަނީ ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާރނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވައި ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭކަން ހާމަކުރައްވާފައި ވަނިކޮށެވެ.