އިންޑިއާގެ މަނަވަރުތަކުން ސްޕެއިންގެ މަނަވަރުތަކާއެކު ކޭޕް ޓްރެފެލްގަރ ގައި އަސްކަރީ ތަމްރީންތައް ބާއްވައިފިއެވެ. މިތަމްރީންތަކުގައި އިންޑިއާގެ މަނަވަރުތަކުގެ ވައިގެ އުޅަނދުތަކުންވެސް ބައިވެރިވިއެވެ. އިންޑިއާ ކަނޑުގެ ސިފައިންގެ ތަރުޖަމާން ވިދާޅުވިގޮތުގައި މި މަނަވަރުތައް ވަނީ ޖިބްރާލްޓާ ސަރަހައްދު ހުރަސްކޮށްވެސް ތަމްރީންތައް ބާއްވާފައެވެ. މީގައި ވައިގެ ދިފާއާއި މާކަނޑުގައި ވައިގެ މަގުން އުޅަނދަށް ބޭނުންވާ ސަޕްލައި ޙަވާލު ކުރުމުގެ މަސައްކަތާއި އެއް އުޅަނދުގެ ޑެކުން އަނެއް އުޅަނދުގެ ޑެކަށް ހަރަކާތްތެރިވުމުގެ ތަމްރީންވެސް ބާއްވާފައި ވެއެވެ.

އިންޑިއާގެ ކަނޑުގެ ސިފައިން ބުނިގޮތުގައި މި ތަމްރީނަކީ، ދޭދޭ ގައުމުގެ ކަނޑުގެ އަސްކަރީ އުޅަނދުތަކުން އެއްގޮތަކަށް ކަންކަން ކުރުމަށާއި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ހާލަތުގައި އެއްހަމައެގައި ތިބުމަށާއި ކަނޑުމަތީގެ ނުރައްކަލާ ކުރިމަތި ލުމުގެ ހުނަރުތައް އެއްގޮތް ކޮށްލުމަށް މުހިންމު ތަމްރީން ތަކެއް ކަމަށެވެ.

އިންޑިއާގެ މަނަވަރުތަކުން ސްޕެއިންގެ މަނަވަރުތަކާއެކު ތަމްރީންތައް ބޭއްވުމުގެ ކުރިން އިޓަލީގެ މަނަވަރުތަކާއެކުވެސް ދެ ދުވަހުގެ ތަމްރީނެއް ބައްވާފައި ވެއެވެ. މިއިން ބައެއް ތަމްރީންތަކަކީ ރޭގަނޑުގެ ގަނޑީގައި ބާއްވާފައިވާ ތަމްރީން ތަކެކެވެ.