އިންޑިއާގެ ޓްރިވެންޑްރަމަށް ގޮސް ޕޮންމުޑިއަށް ދިއުމަކީ ދިވެހިންގެ "ސައިޓްސީން" ގެ ލިސްޓްގެ އެންމެ ކުރީގައި އޮންނަ ދަތުރެވެ.
ބޭސްފަރުވާގެ ކަންތައް ނިމުމާއެކު ގިނަ ދިވެހިން، ރާއްޖެއިން ނުފެންނަ ފަރުބަދަ ތަކާއި ވާދީތަކުގެ އިތުރަށް ވޯޓަފޯލްތައް ބެލުމަށް ދެއެވެ. މިގޮތުން 2009 ވަނަ އަހަރު ޓްރިވެންޑްރަމަށް ދިޔަ ދިވެހި ގްރޫޕެއް "ސައިޓް ސީން"ގެ ލިސްޓްގެ އެންމެ ކުރީގައި ކެރެލާ ސްޓޭޓްގެ އުސް ފަރުބަދަ އެއް ކަމުގައިވާ ޕޮންމުޑި ހިމަނައިފިއެވެ.
މި ގުރޫޕުގައި ހިމެނޭ 6 ޒުވާނުންގެ އިތުރަށް އާއިލީގުޅުން އޮތް މީހުނާއި ރައްޓެހިންވެސް މި ޕޮންމުޑިއަށް ދިޔަ ދަތުރުގައި ބައިވެރިވިއެވެ. ޕޮންމުޑިއަށް ދާން ހޯދީ އާންމުގޮތެއްގައި ދިވެހިން "ސައިޓްސީން" އަށް ގެންދާ ޑްރައިވަރެކެވެ. އެހެންކަމުން އޭނާ އަށް ދިވެހިން ޝައުގުވެރިވާނެ ތަންތަން އެނގެއެވެ.
ހެނދުނު ސައިބޮއިގެން ވޭނެއްގައި މި ގުރޫޕު ޕޮންމުޑިއަށް ދާން ފުރިއެވެ. ދޮޅުގަނޑިއެއްހާއިރު ދަތުރުގައި ހޭދަވީފަހުން ވޯޓަފޯލަކުން ފެންފައިބާ އަޑު އިވެންފަށައިފިއެވެ. ޑްރައިވަރު ބުންޏެވެ. މިތާ ކައިރީގައި ވޯޓަފޯލެއް އޮންނާނެއެވެ. ބަލާލަން ބޭނުމިއްޔާ މަޑުކޮށްލެވިދާނެއެވެ. ހުރިހާ އެންމެންވެސް ވޯޓަފޯލް ބެލުމުގެ ޝައުގުގައި ވޭން މަޑުކުރުމަށްފަހު ފައިބައިގެން ފެން ފެންފައިބާ ދިމާއަށް ހިނގަން ފެށިއެވެ. ޖަންގަލީގެ ތެރެއިން ފަނަރަވަރަކަށް މިނެޓު ހިނގާލި އިރަށް ފެންފައިބަމުންދާ ތަނާ އަރާ ހަމަވެއްޖެއެވެ. ހުރިހާ އެންމެންގޮސް ފެންދެމޭ ކޯރަށް އެރި ފައި ތެންމާ އެފެނުގެ ފިނިކަމާ ކުލަ އަދި ވަސްބަލަން ފެށިއެވެ. މި ވޯޓަފޯލުގެ ފެނުގައި ބީހި ތަޖުރިބާ ކުރަން ތިއްބާ ގުރޫޕުން އެއްޒުވާނަކު ހަޅޭލަވައިގެންފައި ދުއްވައިގަތްތަން ފެނިއްޖެއެވެ. އޭނާގެ ފަހަތުން ދެން ތިބި އެންމެންވެސް ދުއްވައިގަތެވެ. ދުއްވައިގަތްލެއް ބާރުކަމުން އެތަނުން އެކަކު ފެންގަޑަށް ވެއްޓިއްޖެއެވެ.
ދެން މި ގުރޫޕާއެކު ދިޔަ ހަރު މީހަކު އެމީހުނާ ގާތްވެލާފައި ހަޅޭލަވަމުން ދުވަނީ ކީއްވެތޯ ސުވާލުކުރިއެވެ. އެންމެ ފުރަތަމަ ދުއްވައިގަތް ކަލޭގެ ބުނީ ފެންގަނޑުން ހަރުފައެއް ފެނުނީކަމަށެވެ. ކޮންތާކުންތޯ އެހުމުން އޭނާ އިނގިލި ދިއްކުރި ދިމާއަށް ގޮސް ބެލި އިރު ފެންގަނޑުތެރޭ އޮތީ ފަތެއްނެތް، ވެޔޮ ކޮޅެކެވެ. މިކަމާ ހޭންފުށުމުން ހަރުފަކަމަށް ފުރަތަމަ ދުއްވައިގެން ކަލޭގެ ބުނީ މީހަކު ބުންޏޭ ފެން ހަރުފަ އޮންނަނީ އެގޮތަށެވެ. ކޮންމެ އަކަސް މިސަކަރާތެއްގައި އެކަކު ފެންގަނޑުތެރަށް ވެއްޓި ތެމިއްޖެއެވެ. އެހެންކަމުން ދެން ދަތުރަށް ފެށީ އޭނާ ޑްރައިވަރާ ޖެހިގެން ހުންނަ ސީޓް ބައިންދާއިގެނެވެ. އެއީ އޭނާގެ ސަބަބުން އެހެންމީހުންވެސް ތެމިދާނެތީއެވެ.
ގަޑިއެއް ހާއިރު ދުއްވުމަށްފަހު ވޭން ފަރުބަދައަށް އަރަން ފެށިއެވެ. ޕޮންމުޑިއަށް އެރުމަށްޓަކައި ވޭން ފަރުބަދައަށް އަރަމުންދަނީ ވަރަށް ކަތިމަގުތަކުންނެވެ. މިގޮތަށް އަރަމުންދާއިރު ހީވާނީ ކުރީޒަމާނުގައި ރާއްޖޭގެ ކަނޑުތަކުގައި ދުއްވި ރިޔާނެގި ދޯނި ފަހަރު އަނބުރާ ހޭރިއާ ކުރަމުންދާ ހެނެވެ. ބައެއްފަހަރަށް މިލެނބުންތަކުން ލަނބަމުންދާއިރު އައިކޮޅަށް އަނބުރާ ދަނީއޭވެސް ހީވާނެއެވެ. ނަމަވެސް ދުއްވާ އުޅަނދު މިއިން ކޮންމެ ލެނބުމަކުންމައްޗަށް އަރަމުން ދެއެވެ.
މިގޮތަށް ސަހަރުން ބޭރުގައި ހުންނަ ފަރުބަދަތަކަށް އެރުމަށް ހަދާފައި ހުންނަ މަގުތަކުގައި ސަލާމަތީ ގޮތުން ރައްކާތެރިކަމަށް ޓަކައި ފާރެއް ނުވަތަ ދަގަނޑުން ހުރަހެއް ޖަހާފައެއް ނުހުރެއެވެ. އެހެން ކަމުން ވޭނުގެ ތެރޭގައި ތިބޭއިރު އެތައް ސަތޭކަފޫޓެއްގެ ތިރި ފެންނަން އޮތެވެ.
މި ލެނބުން (ބެންޑު) ތަކުން އަނބުރަމުން ވޭން ފަރުބަދައަށް އަރަމުން ދިޔައިރު ޑްރައިވަރު ކޮންމެވެސް އެއްޗެއް ގެއްލިގެން ކުރީސީޓްގައި އިން ޒުވާނާ އާދިމާއަށް ކޮންމެސް އެއްޗެކޭބުންޏެވެ. ފަހަތުގައި ތިބި މީހުން ބަލާލި އިރު ކުރީގައި އިން ގުރޫޕު މެންބަރު މިއިނީ ވޭނުގެ ގިޔަރު ދަނޑިމަތީގައެވެ. ޑްރައިވަރަށް ވޭން އަތަކަށްވެސް ޖައްސާނުލެވިގެން ގިޔަރު ދަނޑި ހޯދަނީއެވެ. މި މަންޒަރު ފެނިފައި ފަހަތުގައި ތިބި މީހުންގެ ތެރެއިން އެކަކު ތިޔަ އުޅެނީ ކިހިނެއްހޭ ބުނީމާ ކުރީސީޓުގައި އިން މެންބަރު ބުންޏެވެ. މި ވޭން ކައްސާލައިގެން ހިނގައިދާނެތީ ފަރުބަދައާވީފަރާތަށް ބަރުކުރަން އެފަރާތަށް ޖެހެނީ އެވެ. ދެން އެންމެން ޕަކަޕަކަ އަޅާފައި ހޭން ފެށިއެވެ. މި ސަކަރާތެއްގައި ޕޮންމުޑިއަށް ދެވުނު އިރު މެންދުރުވެއްޖެއެވެ. ދެން އެ ފަރުބަދަ މަތީގައި ހުރި ހޮޓަލުން ނަގާފާ ހުރި ކޮޓަރިއަށް ވަދެ އެންމެން ނަމާދުކޮށްފިއެވެ. އޭރު އެންމެންވެސް ތިބީ ވަރަށް ބޮޑަށް ބަނޑުހައި ވެފައެވެ. އެހެންކަމުން ފަރުބަދަ މަތީހުރި ހަމައެކަނި ރެސްޓޯރެންޓަށް ވަދެ މޭޒު ކައިރީގައި ގޮނޑިތައް ކައިރިކޮށްގެން ހުރިހާމީހުން އިށީނދެއްޖެއެވެ. ވެއިޓަރުން މެނޫ ގެނައިއިރު އޭގައި ކުކުޅުގެ ނޫނީ މަހުގެ އެއްވެސް ބާވަތެއް ނެތެވެ. މާޔޫސް ވެގެން ގިނަ މެންބަރުން ކަރު އެލިއްޖެއެވެ. އެހެންނަމަވެސް ކާނެ އެހެން ބާވަތެއް ނެތުމުން ހުރި އެއްޗަކަށް އޯޑަރު ދީފިއެވެ. ކާތަކެތި އައިއިރު މިހުރީ އެކި ބާވަތްތަކުގެ ސާމްބާރު ތަކާއި ފަލަ ހަނޑުލުގެ ބަތެވެ. "ތަނުގެ ދޭސީ (ލޯކަލް) ކެއުމެވެ. މި ގުރޫޕުގެ ގިނަ މެންބަރުންނަށް ހަމަ އެއްގޮތަކަށްވެސް މި އިން އެތިކޮޅެއް އަރުތެރެއަށް އެތެރެކުރެވޭގޮތެއް ނުވިއެވެ. އެންމެފަހުން މިމީހުނާއެކު ދިޔަ އަންހެން މެންބަރަކު އަތްދަބަސް ހުޅުވާލުމަށްފަހު ރިހާކުރު ފުޅިއެއް ނަގައިފިއެވެ. ދެން މި ފުޅިން ރިހާކުރު ލައިގެން ކޮންމެވެސް ވަރަކަށް ކެވޭގޮތްވެއްޖެއެވެ.
ކައި ނިމިގެން ފަރުބަދައިގެ އެކި ހިސާބުތަކުގައި ފޮޓޯ ނަގަން ފެށިއެވެ. އެ ދުވަހަކީ ވިލާ ބޯ ފޮގް ގިނަ ދުވަހެކެވެ. ގުރޫޕުގެ މެންމަރުން އަނގަ ހުޅުވައިގެން ވިލާގައި ދޭ ރަހަ ބަލާ މަންޒަރު ވެސް ކެމެރާތަކުގައި ރައްކާކުރެވިއްޖެއެވެ.
މިމީހުން އެނބުރި ސަހަރަށް ދާން ތައްޔާރުވީ ހަވީރުވީފަހުންނެވެ. ހަވީރު ދަތުރަށް ފަށައިގެން ތަންގަނޑަކަށް ދިޔަފަހުން ވޭންގެ ތެރެއިން ބަނޑުހައިވެއްޖޭ ގޮވަންފަށައިފިއެވެ. މެންދުރު ނުކަނީތޯ ބައެއް މެންބަރުންނާ ސުވާލުކުރުމުން އެނގުނީ ކައިގެންގޮސް ބައެއް މީހުން ހޮޑުވެސް ލީކަމެވެ. ދެން އެންމެފަހުން ޖެހުނީ މަގުމަތިން ދޮންކެޔޮ. އާފަލު ފަދަ މޭވާތައް ގަނެގެން އެއްބަޔަކަށް ކާންދޭށެވެ. މި ގުރޫޕަށް ސަހަރަށް ދެވުނު އިރު އެރޭ އިރު އޮއްސިއްޖެއެވެ.