ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ގުޅޭގޮތުން ކުރިން ތަޙުޤީޤު ނިމިފައިވާ މައްސަލައެއްގެ ތަޙުޤީޤު އަލުން ފެށުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތާމެދު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ހުކުރު ދުވަހާއި އިއްޔެ ޔާމީން ފުލުހަށް ހާޒިރުކޮށްފައިވަނީ މީގެ ކުރިން ފުލުހަށް ހާޒިރުކޮށް، ބަޔާން ނަގާ، އެންމެހާ ބަޔާން ތަކުގައި ސޮއި ކުރައްވާ ތަޙުޤީޤު މުޅިން ނިމިފައިވާ މައްސަލައަކާ ގުޅިގެން ކަމަށްވުމީ އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

އަދި މައްސަލަ ކުރިއަށް ގެންދާ ގޮތާއިމެދު ރައީސް ޔާމީންގެ ފަރާތްޕުޅުން އެކަން ސާފުކޮށްދިނުމަށް އެދި ސުވާލު ކުރުމުންވެސް އެކަމަށް އިޖާބަ ދިނުމެއް ނެތި މަޖުބޫރުން ތަޙުޤީޤު ނިމިފައިވާ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް ކުރަމުން ގެންދާ މަސައްކަތަކީ، ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށް އިދިކޮޅުން ބުނެއެވެ.

"މިފަދައިން ތަޙުޤީޤު ނިމި ބަޔާންތައް ނަގާ، ބަޔާންތަކުގައި ސޮއިކޮށް ނިމިފައިވާ މައްސަލަތައް އިރުއިރުކޮޅާ ނަގާ ތަޙުޤީޤުތައް ތަކުރާރު ކުރާނަމަ، އެއްވެސް މައްސަލައެއްގެ ތުހުމަތުގައި ހުންނަ ފަރާތެއްގެ ތަޙުޤީޤު ނިމޭނެ ދުވަހެއް އަންނާކަމަށް ނުބެލެވެއެވެ" އެ ބަޔާނުގައި ވެއެވެ.

ރައީސް ޔާމީންގެ މައްސަލައިގެ ތަޙުޤީޤެއް އަލުން ފަށާފައި މިވަނީ، ސަރުކާރާއި މެދު ރައްޔިތުންގެ ހިތްހަމަ ނުޖެހުންތައް އިތުރުވެ، ރައްޔިތުންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވަމުންދާ މިދަނޑިވަޅުގައި، ރައްޔިތުންގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލުމުގެ ބޭނުމުގައި ކަމަށް އިދިކޮޅުން ބުނެއެވެ.

"ހަމައެއާއެކު އެ މައްސަލައިގެ ތެރެއަށް އިތުރު ކަންކަން ވައްދާ، އެމަނިކުފާނަށް ދެމުން ގެންދާ ނުޙައްޤު އަނިޔާ ތަކުރާރު ކުރުމުގެ ބޭނުމަކީ، ސަރުކާރު ނިސްބަތްވާ ޕާޓީ ކުދިން ރުއްސުމަށް ހިންގާ ސިޔާސީ ޙަރަކާތެއްގެ ގޮތުގައި ރައްޔިތުންވެސް އެކަން ސިފަ ކުރަމުންދާ ކަން ފާހަގަ ކުރަމެވެ" އިދިކޮޅުން ބުނެއެވެ.

އިދިކޮޅުގެ ބަޔާނުގައި ވަނީ ފުލުހުންގެ މުއައްސަސާއިން ސިޔާސީ ނުފޫޒުތަކަށް ތަބާވުމެއް ނެތި، ޤާނޫނު ތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް، ޤާނޫނީ ގޮތުން ލިބިފައިވާ ބާރުގެ ބޭނުން ކުރުމަށް ގޮވާލާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ސިޔާސީ ފަރާތްތަކުންވެސް ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓާލައި ރައީސް ޔާމީނަށް ދެމުން ގެންދާ އަނިޔާ ހުއްޓާލުމަށްވެސް ވަނީ ގޮވާލާފައެވެ.