އެމްޑީޕީއަށް އާ އިއްތިހާދެއް ބޭނުންވާކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ހަމައެކަނި ވިސްނުމަކީ ރާއްޖެ ސަލާމަތް ކުރުން ކަމަށެވެ. އަދި އެ މަނިކުފާނު ދެކޭގޮތުގައި އެމްޑީޕީއަށް އާ އިއްތިހާދެއް ބޭނުންވާކަމަށް ވިދާޅުވިއެެވެ.

"އެއީ އިންޑިއާ އައުޓް ނުގޮވާ، ނަފްރަތުގެ ބިލަށް ތާއީދުކުރާ، މިއުޒިކު ހަރާމް ނުކުރާ، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއް." ރައީސް ނަޝީދުގެ ޓްވީޓްގައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ދެކޭގޮތުގައި އެމްޑީޕީ އަދި ޕީޕީއެމްގެ ގިިނަ މީހުން ތިބޭނީ އެ ގޮތުގައި ކަމަށެވެ. އަދި ރާއްޖެ އަފްޣާނިސްތާންގެ ހާލަތަށް ދާން ގިނަ ދިވެހިން ބޭނުމެއް ނުވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހާއެކު ސިޔާސީގޮތުން ނުހުރެވޭނެ ކަމަށާއި ރައީސް ޔާމީންގެ އެހީތެރިކަމަށް އެދޭނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު އިއްޔެ ވަނީ މެސެޖުތަކެއް ކުރައްވާފަ އެވެ.

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އިސް ބޭފުޅުން އަދި ރައީސް ސޯލިހުވެސް ހުންނަވާ ވަޓްސްއަޕް ގްރޫޕަކަށް ރައީސް ނަޝީދު ފޮނުއްވި އެ މެސެޖުގައި ވިދާޅުވެފައި ވަނީ ރައީސް ސޯލިހާ އެމަނިކުފާނާ އެއްވެސް މައްސަލައެއް ޖެހިފައި ނުވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނާ ރައީސް ސޯލިހާ ދެބޭފުޅުންގެ ފިކުރީ ގޮތުން ހިޔާލު ތަފާތު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރު މެސެޖެއްގައި ވިދާޅުވީ ދެބޭފުޅުންގެ ޒާތީ ކަންކަމުގައި އަބަދުވެސް އުޅުއްވާނީ އެކުގައި ކަމަށެވެ. އަދި ރައީސް ސޯލިހަކީ ރައީސް ނަޝީދުގެ ދަރިންގެ “އިބޫ ދޮންބެ” ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“އެކަމަކު ދެން ރައީސުލްޖުމްހޫރިއްޔާއާ އެކީގައި ސިޔާސީ ގޮތުން ހުރެވޭކަށް ނެތް،” ނަޝީދު ވިދާޅުވިއެވެ.

އެކަމާއި އެމްޑީޕީގެ ބައެއް މެންބަރުން ހިތްހަމަ ނުޖެހުނު ނަމަވެސް ކުރާނެ ކަމެއް ނެތްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސް ޔާމީނާއި އިދިކޮޅު ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރައްވާ ނަމަ ރައީސް ޔާމީނާއި ޕީޕީއެމްގެ އެހީއަށް އެދޭނެ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތައް އޮތްކަން މީގެކުރިންވެސް ވަނީ ހާމަވެގެން ގޮސްފައެވެ.