ޖަލަށް ޒިޔާރަތްކޮށްގެން އާއިލީ ބައްދަލުވުމާއި، ވަކީލު ބައްދަލުވުން ހަމަޖެއްސުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވެއްޖެ އެވެ.

އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޖަލުތަކުގައި ކޮވިޑު ފެތުރުން ހުއްޓުވިއްޖެ ކަމަށާއި ހުރިހާ ޖަލެއްވެސް ވަނީ އާންމު ހާލަތަކަށް ގެނެވިފައިވާ ކަމަށެވެ. އަދި މިހަފްތާގެ ތެރޭގައި އެކަމަށް ޚާއްސަ އުސޫލެއް އާންމުކުރެވޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކޮމިޝަނަރ މިފަދައިން ވިދާޅުވެފައިވާ އިރު، މޯލްޑިވްސް ކަރެކްޝަންސް ސަރވިސް އިން މިހާރުއަންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނބުރާ ޖަލަށް ބަދަލު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން ނެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކުރީ މާފުށީ ޖަލުގެ އޮފިސަރަކު ކޮވިޑަށް ޕޮޒިޓިވްވެ، ޖަލުގައި ކޭސްތައް ފެތުރެން ފެށުމާއި ގުޅިގެން ނެވެ. އަދި ޖަލުގައި ތިބި ހައިރިސްކު މީހުން، މިދިޔަ އޭޕްރީލް މަހުގެ ފަހު ކޮޅު ގެއަށް ބަދަލުކުރި އިރު، އޭގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ހިމެނިވަޑައިގަންނަވަ އެވެ.

ކަރެކްޝަންސް ސަރވިސް އިން ބުނެފައިވަނީ މާފުށީގައި ކޮވިޑް ހާލަތު ގޯސްވެ ގެއަށް ބަދަލު ކުރި ގައިދީން އަނބުރާ މާފުށީ ޖަލަށް ބަދަލު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށާއި މިހާރު މާފުށީގެ ހާލަތު ރަނގަޅު ކަމަށެވެ.