ކަނޑުދަތުރުފަތުރާ ބެހޭ ސަލާމަތީ ކަންކަން ވިލަރެސްކުރުމަށް މަސްއޫލުވެރިއެއް ހަމަޖެއްސުމަށް އިންޑިއާއިން ނިންމައިފިއެވެ. މިފަރާތުން މަސައްކަތް ކުރައްވާނީ، އިނޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރުގެ ދަށުންނެވެ. އަދި ކަނޑުދަތުރުފަތުގެ ސަލާމަތީ ކަންކަމުގައި އންޑިއާ ސަރުކާރަށް ދެން ލަފާދެއްވާ އެންމެ އިސްފަރާތަކީ މިއެވެ.

ކަނޑުދަތުރުފަތުގެ ސަލާމަތާ ބެހޭ ކަންކަން ވިލަރެސް ކުރާނެ މަގާމެއް އުފެއްދުމަށް މީގެ ވިއްސަކަށް އަހަރު ކުރިންވެސް އިންޑިއާ ސަރުކާރަށް ލަފާ ދީފައި ވެއެވެ. މި ފަރާތުގެ މަސައްކަތަކީ އަސްކަރީ އަދި މަދަނީ ދާއިރާގެ ކަނޑުދަތުރުގެ ދާއިރާ ވިލަރެސްކުރުމާއި، ހަކަތައިގެ ދާއިރާއާއި ކަނޑުދަތުރުގެ ދާއިރާގެ އުމުރނީ ތަރައްގީގެ ކަންކަން ބެލެހެއްޓުމެވެ. މި މަގާމަށް ކިޔާނީ، ނޭޝަނަލް މެރިޓައިމް ސެކިއުރިޓީ ކޯޑިނޭޓަރއެވެ.

މި މަގާމަށް އައްޔަން ކުރާނެ ފަރާތަކީ ކަނޑުގެ ސިފައިންގެ ޚިދުމަތުން މުސްކުޅި ކުރައްވާފައިވާ ނުވަތަ މިހާރުވެސް ޚިދުމަތުގައި ހުންނެވި ބޭފުޅެކެވެ.

މިދިޔަ އަހަރުތަކުގައި އިންޑިއާއިން ސަމާލުކަން ދީފައި ވަނީ އެއްގަމުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށެވެ. އަދި ކަނޑުގެ ސަލާމަތަށް ކަނު ލޮލެއް ދިން ކަމަށް މުޙައްލިލުން ސިފަ ކުރެއެވެ.

އިންޑިއާއަކީ، 7000 ކިލޯމީޓަރުގެ އައްސޭރިފަށް ބަލަހައްޓާ ގައުމެކެވެ. އަދި އޭގެ އިތުރުން ދެ ކިލޯ މީޓަރުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނެއްވެސް ބަލަހައްޓަން ޖެހެއެވެ. އިންޑިއާގެ ވިޔަފާރީގެ 70 އިންސައްތަ އަކީ ކަނޑުމަގުން އުފުލޭ ތަކެއްޗެވެ. އަދި ހަކަތައަށް ބޭނުންވާ ތެލަކީ މުޅިންހެން ކަނޑުން ދަތުރުކޮށްފައި ގެންނަ ބާވަތެކެވެ. އެހެންވެ، މިފަހުން އިންޑިއާއިން ވަނީ ކަނޑުގެ ދަތުރުފަތުރު އަމާން ކުރުމަށް ޚާއްސަ މަސައްކަތެއް ފަށާފައެވެ.

އިންޑިއާއިން އެއްގަމުގެ ސަލާމަތީ ނަޒަރިއްޔާތެއް ގެންގުޅެމުން ދިފާއީ ކަންކަން ވިލަރެސް ކުރަމުން ދިޔައިރު، ޗައިނާއިން ވަނީ ކަނޑުގެ ސަލާމަތާ ގުޅޭ ނަޒަރިއްޔާތެއްގައި އެގައުމުގެ ދިފާއީ ސިޔާސަތު ވިލަރެސް ކޮށްފައެވެ. ޗައިނާއިން ވަނީ ޕާކިސްތާނާއި މިޔަންމާރ މެދުވެރިކޮށް އެދިމަދިމާލުން ކަނޑަށް ފައިބައި މަގުތައް ހޯދާފައެވެ.

ކަނޑުދަތުރުފަތުރުގެ ސަލާމަތާ ގުޅޭގޮތުން އިންޑިއާއިން ގެންގުޅޭ ސިޔާސަތުގެ ތެރޭގައި އެކްޓް އީސްޓް ޕޮލިސީއަކާއި ސާގަރު ޕޮލިސީއަކާއި ޑީޕް އޯޝަން މިޝަން ޕޮލިސީއެއް ގެންގުޅެއެވެ. މީގެ އިތުރުން އިންޑިއާގެ 12 ބަނދަރެއް ދުނިޔޭގެ ފެންވަރުގެ ބަނދަރުގެ ގޮތުގައި ތަރައްގީ ކުރުމަށް ސާގަރްމާލާގެ ނަމުން ވަށާޖެހޭ ޕްރޮޖެކްޓެއްވެސް އިންޑިއާއިން ވަނީ ފަށާފައެވެ.