ކުރީގެ ހޯމް މިނިސްޓަރު އަދި ދައުލަތަށް ގިނަ އަހަރު ތަކެއް ވަންދެން ހިދުމަތް ކުރެއްވި އަބްދުﷲ ކަމާލުއްދީން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހެޅުއްވި ފޯމް، އިލެކްޝަންސް ކޮމިޝަނުން ބާތިލްކޮށްފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރީފޯމް މޫވްމެންޓު (އެމްއާރުއެމް) ގައި ހުންނެވުމަށްފަހު ޕާޓީން ވަކިވެ އަބްދުﷲ ކަމާލުއްދީން އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭކަމަށް މީޑިއާތައް އޭނާ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާކަން އިއުލާނުކޮށް އަބްދުﷲ ކަމާލުއްދީން ވިދާޅުވީ، އާ ގާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކޮށް، ދައުލަތުގެ ބާރުތައް ވަކިކޮށްފައިވީ ނަމަވެސް ގައުމުގައި ހައްލު ނުކުރެވި ހުރި އެތައް މައްސަލަތަކެއް އެބަ ހުރި ކަމަށެވެ. އެ މައްސަލަތައް ހައްލު ކުރުމަށް އޭނާއާ އެއް މަގްސަދެއްގައި މަސައްކަތް ކުރާ މީހުންގެ މަޝްވަރާގެ މަތިން ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ ނުވަތަ ނޭޝަނަލް ސޮލިޑާރިޓީ ޕާޓީ (އެންއެސްޕީ) އުފައްދަން ހުށަހެޅީކަމަށް ވެސް ކަމާލުއްދީން ވިދާޅުވި އެވެ.
ޕާޓީގެ ރެޖިސްޓްރޭޝަންއަށް ހުށަހެޅި ފޯމުތަކާއި ގުޅޭގޮތުން އީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކަމާލުއްދީންގެ ފޯމް ބާތިލު ކުރީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށައަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަ ނުވާތީކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދިކަމާލުއްދީން ހުށައެޅި ފޯމަކީ ބާތިލު ފޯމެއް ކަމުގައި ކޮމިޝަނުން ނިންމާފައިވާކަމަށް ބުންޏެވެ.
މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީ" ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާއިރު ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ރިޓަޔާޑް މުހައްމަދު ނާޒިމް ވެސް ވަނީ ޕާޓީއެއް އުފައްދަވަން ނިންމަވާ އެ މަސައްކަތް ފައްޓަވާފަ އެވެ.