ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާ 20،000 މުވައްޒަފުންނަށް މައިކްރޯސޮފްޓް 365 ގެ ޙިދުމަތް ފޯރުކޮށްދިނުމަށް މައިކްރޯސޮފްޓް އާއިއެކު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން 3 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވި މިނިސްޓަރ އާމިނަތު ޝައުނާ ވަނީ މި ޙިދުމަތް ސަރުކާރުގެ އިދާރާތަކާއި ހަމައަށް ފޯރުކޮށްދިނުމުގައި ސަރުކާރާއިއެކު މަސައްކަތްކުރެއްވި މައިކްރޯސޮފްޓްގެ އޭޝިއާ ޕެސިފިކް، ސްރީލަންކާ އަދި ދިވެހިރާއްޖޭގެ ޓީމަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރައްވާފައެވެ.

މިނިސްޓަރ ފާހަގަކުރެއްވިގޮތުގައި މިފަދަ ޕްލެޓްފޯމަކަށް އިދާރީ ހިންގުންތައް ބަދަލުކުރުމަކީ އޭގެއިން އެތައް ފައިދާއެއް ލިބޭނެކަމެކެވެ. ހާއްސަގޮތެއްގައި ދިވެހިރާއްޖެއަކީ ކުދި ޖަޒީރާ ޤައުމަކަށްވެފައި މައިކްރޯސޮފްޓް ކްލައުޑްގެ އެހީގައި ރަށްތަކުގެ އިދާރީ ހިންގުން ގުޅާލެވި ސަރުކާރުގެ މުވައްޒަފުންނަށް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތް މަގުފަހިވެގެންދާނެއެވެ.

ދައުލަތުގެ އިދާރާތަކުގައި ޙިދުމަތްކުރައްވާ މުވައްޒަފުންގެ މަސައްކަތް ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އެހީގައި އިތުރަށް ހަރުދަނާކުރުމަށް އަބަދުވެސް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެއްކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިގޮތުން ނޭޝަނަލް ރެސިލިއެންސީ އެންޑް ރިކަވަރީ ޕްލޭންގެ ދަށުން މަސައްކަތްތައް ޑީސެންޓްރަލައިޒް ކުރެވި ގެއިން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖެއްސުމަށް ގިނަ މަސައްކަތްތައް ކުރެވިފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

އަދި މިފަދަ ބަދަލަކާއިއެކު ސައިކަލު، ކާރު އަދި ފެރީ ދަރުތުތައް މަދުވެ، މާހައުލީ ނިޒާމަށް ގެއްލުންވާ ކަރބަންޑައިއޮކްސައިޑް ފަދަ ގޭސްތައް މާހައުލަށް ބޭރުވާ މިންވަރު ކުޑަވެގެންދާނެކަމަށްވެސް މިނސްޓަރ ވިދާޅުވިއެވެ.

"ދައުލަތުގެ އިދާރާތައް އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ޑިޖިޓަލް އިންފްރާސްޓްރަކްޗަރ މިއަދު ވަރަށް މުހިއްމު. ޑިޖިޓަލް ޓްރާންސްފޮމޭޝަން އަކީ ހަމައެކަނި އައު ޓެކްނޯލޮޖީތައް ބޭނުންކުރުން އެކަންޏެއް ނޫން. ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް އިދާރާތަކުގެ ސްޓްރަކްޗަރ، ހިންގުން އަދި މަސައްކަތް ކުރާ އިދާރާއެއްގެ ސަގާފަތާއި އެތަނެއްގައި މަސައްކަތް ކުރާ ބައެއްގެ ވިސްނުންވެސް ބަދަކުރަންޖެހޭނެ." މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިނިސްޓްރީގެ އުއްމީދަކީ މައިކްރޯސޮފްޓް 365 ގެ އެހީގައި ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ފަސޭހަކަމާއިއެކު މަސައްކަތް މެނޭޖްކުރެވި، މަސައްކަތްކުރާ ޓީމާއި ބައްދަލުކުރެވި، ހަވާލުކުރެވޭ ޓަރގެޓްތައް ފުރިހަމަކުރެވޭނެ މާހައުލެއް ޤާއިމުކޮށްދިނުމެވެ.