ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގައި، އެމަނިކުފާނަށް މަރުހަބާ ކިޔަން ގިނަ ބަޔަކު އެއްތަންނުވާނެ ގޮތަށް ކަންކަން އިންތިޒާމުކުރަން ރައީސް އޮފީހުން އަންގައިފި އެވެ.

ކޮވިޑްގެ ހާލަތު އޮތް ގޮތުން ރައީސް އޮފީހުން ކައުންސިލްތަކަށް އަންގާފައިވަނީ މަރުހަބާ ދެންނެވުމުގެ ކަންކަން ގިނަ ބަޔަކު އެއްތަން ނުވާ ގޮތެއްގެ މަތިން ހަމަޖެއްސުމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ހަފުތާ ބަންދުގެ މި ދެ ދުވަހު ރައީސް ކުރައްވާ ދަތުރުފުޅާ ގުޅިގެން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ހާއްސަ އިންތިޒާމުތައް ހަމަޖެއްސުމަށް ގިނަ ހުށަހެޅުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ކޮވިޑުގެ މި ހާލަތުގައި ގިނަ ބަޔަކު އެއްތަންވުމަކީ އެންމެ ރައްކާތެރި ކަމަކަށް ނުވާތީ، ގިނަ ބަޔަކު އެއްތަންނުވާނެ ގޮތަށް ކަންކަން އިންތިޒާމުކުރުމަށް ކަމާގުޅޭ ހުރިހާ އިދާރާއެއްގައި އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގަންނަވަނީ ހދ. ކުޅުދުއްފުއްޓަށާއި އެ އަތޮޅުގެ ހަނިމާދޫގެ އިތުރުން ކުމުންދޫއަށެވެ.