الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلاَمُ عَلَى الْمَبْعُوثِ رَحْمَةً لِلْعَالَمِينَ،، وَبَعْدُ!

ﷲގެ އުފެއްދެވުން:

މާތް ﷲ އިންސާނުންވެސް އަަދި އެނޫން މަޚްލޫޤުންވެސް އުފައްދަވާފައި ވަނީ ދެ ޖިންސަކަށެވެ. އެއީ ފިރިހެން ވަންތަކަމާއި އަންހެން ވަންތަ ކަމެކެވެ. ﷲގެ ކުޅަދުންވަންތަ ކަމުން އެންމެހައި މަޚްލޫޤުންގެ ކިބައިގައި ދެޖިންސު ލައްވާފައިވާ ކަމަށް ވަަރަށްގިނަ އިލާހީ ބަސްފުޅުތައް އައިސްފައި އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ބަސްފުޅަކީ ޤިޔާމަތު ސޫރަތުގައި މާތް ﷲ ވަޙީ ކުރަށްވާފައިވާ މިއާޔަތެވެ. فَجَعَلَ مِنْهُ الزَّوْجَيْنِ الذَّكَرَ وَالْأُنثَىٰ (މާނައީ: މަނީގެ ނުޠްފާއަކުން މާތް ﷲ ފިރިހެންވަންތައާއި އަންހެންވަންތައިގެ ޖޯޑު އެކުލަވާލެއްވިއެވެ.) މިއީ މައިގަނޑު ދެޖިންސެވެ. މީގެ އިތުރުން ﷲގެ ކުޅަދުންވަންތަކުން އަންހެނާއާއި ފިރިހެނާގެ އިތުރުން މަދުން ނަމަވެސް އުފައްދަވާފައިވާ ވަކި ޖިންސެއް ކަނޑަނޭލޭ ބަޔަކު އެބައުޅެއެވެ. އެއީ ވަކި ޖިންސެއް ނޭގޭ މީހުންނެވެ. ނުވަތަ ދެޖިންސު މަސްހުނިވެފައިވާ މީހުންނެވެ. މިއަށް ފިޤުހީ އިސްޠިލާހުގައި ކިޔައީ ޚުންޘާ އިންނެވެ. ބައެއްފަހަރު ޚުންޘާ މުޝްކިލަކަށްވެސް އެބަވެއެވެ. މިވާހަކަ ފިޤުހު ފޮތްތަކުގައި ވަރަށް ތަފްޞީލުކޮށް އޭގެ ޝަރުޢީ ބައެއް ހަމަތަކާއި ޙުކުމްތަކާއެކު ބަޔާން ކުރަށްވާފައި ވެއެވެ. ޚުންޘާ ބޮޑަށް ބުރަވަނީ އަންހެނަކަށްތޯ ނުވަތަ ފިރިހެނަކަށްތޯއެވެ؟ އެހެންކަމުން މީގައި ބޮޑަށް އުނދަގޫވާ މައްސަލައަކީ އެމީހެއްގެ ކިބައިގައި ދެޖިންސު އެއްކޮށް އުފައްދަވާފައި ހުންނަަ މީހާއެވެ. ޚުންޘާ މުޝްކިލަކީ މިއީއެވެ.

ޚުންޘާއިން ރާއްޖޭގައި މަދުން ފެންނަމުން ދިޔަ ކަމުގައި ވިއަސް ދުނިޔޭގެ ބައެއް ޤައުމުތަކުގައި މިއީ ވަރަށް ގިނަ ބަޔެކެވެ. އިސްލާމީ ޤައުމުތަކުގެ ތެރެއިން ޚުންޘާއިން އެންމެ ގިނައީ އީރާނުގައި ކަމަށް ބުނެވެއެވެ. ޕާކިސްތާނަކީވެސް މިވައްތަރުގެ މީހުން ގިނައިން ފެންނަ ޤައުމެކެވެ.

ޖިންސު ބަދަލުކުރި ދިވެހި ޒުވާނާގެ ޚަބަރު:

މިދުވަސްރު މީސްމީޑިޔާގައި އެންމެ ފާހަގަ ކޮށްލެވޭ ވާހަކައަކީ ކޮންމެވެސް ދިވެހި އަންހެނަކު ޖިންސު ބަދަލު ކުރި ވާހަކައެވެ. މިޒުވާނާ ޖިންސު ބަދަލު ކުރިއޭ ކިޔައިގެން ވާހަކަ ދެކެވެމުން މިދާ ދިވެހި އަންހެން ޒުވާނާގެ ވާހަކަ ނޫސްތަކަށް އެރުމާއެކު ހީވީ އިސްލާމް ދީން އެއްކޮށް ބަންޑުންވީ ހެންނެވެ. ތަފާތު ފަތުވާތައް ނެރެ ނޫސްތަކުގައި ޝާއިޢުކުރަން ފެށީއެވެ. މިއުޅުއްވާ ޕެކޭޖް ޝައިޚުންގެ ޤަލަމްތަކުން ދެލިހުސްވާ ހިސާބަށް މައްސަލަ ދިޔައެވެ. އެޒުވާނާއަށް ހަޑިހުތުރު އެއްޗެހި ގޮވަންފެށިއެވެ. މިހަޑިހުތުރު ބަސްތަކާއި ދީނާ ގުޅުމެއްނެތް ފަތުވާތައް ފޭސްބުކުން ފެނިފައި، މިއިން ކޮންމެވެސް ލިއުމެއްގައި އަޅުގަނޑުވެސް ކުރުކުރު ބަހެއް ބުނެލީމެވެ. މީހަކު ޖިންސު ބަދަލު ކުރުމުން އެކަން ކުރި ސަބަބު ނުބަލާ އޭނާއާމެދު ޙުކުމް ކުރުމީ ރަނގަޅުކަމެއް ނޫނޭ އަޅުގަނޑު ބުނެލާއިރަށް މިއުޅޭ ދީންދެކެ މާބޮޑަށްލޯބިވާ ކަމަށް ހެދިގެން އުޅޭ ލަޝްކަރީން އަޅުގަނޑަށް ހެއްދެވި ނުހެއްދެވީއަށް ގޮވަމުން، އަޅުގަނޑުގެ މައްޗަށް ފާވެގަތީ އިރުވައި މޫސުމެއްގެ ފުޅަނގި އައިނު ތަކެއް އޮއްސާލާ ބީދައިންނެވެ. އަދި އެވަރުން ނުފުދިގެން ތަފާތު އިންޒާރުތައް ދޭން ފެށީއެވެ.

ޚުންޘާއަކަށް ވުމަކީ ޢައިބެކެވެ.

މިފަދަ ޚުންޘާއަކަށް ވުމަކީ އުފެދުމުގެ ޢައިބެކެވެ. އެފަދަ ކުއްޖަކަށް މަލާމާތްކޮށް ހުތުރު އެއްޗެހި ގޮވާއިރު އެއީވެސް އިންސާނެކެވެ. ﷲގެ މަޚްލޫޤެކެވެ. ދެމެފިރިއެއްގެ ލޯބިވާ ދަރިއެކެވެ. އެމީހުން އަމިއްލައަށް އެމީހުންގެ ލޯބިވާދަރިފުޅު ޚުންޡާއަކަށް ހެދީއެއްނޫނެވެ. ޚުންޡާއެއްގެ ގޮތުގައި އޭނާއުޅުނު އިރުވެސް ކުރަމުންދިޔައީ މަލާމާތެވެ. އޭނާ ވަކިކޮޅަކަށް ތިމާގެ ޖިންސު ބުރަކޮށް އިޞްލާހުކުރުމުންވެސް ހަމަގޮވަނީ އެއްޗިއްސެވެ. މިއީ ކޮންކަހަލަ މުޖްތަމަޢެއްބާއެވެ! އެފަދަ އެއްޗެހި ގޮވުމުގެ ކުރިން އެއީ ﷲ އުފެއްދެވި ގޮތްކަމާއި ތިމާގެ އަމިއްލަ ދަރިއަކުވެސް އެފަދަ ޚުންޡާއަކަށް ލެއްވުމީ އެކަށީގެންވާ ކަމެއްކަން ކުޑަކޮށްވެސް ހިތަށް ތަޞައްވުރު ކޮށްލިނަމަ ރަނގަޅުވީސްތާއެވެ!

ދީންވެރިންގެ ކިބައިގައި ހުންނަންޖެހޭ އެންމެ އިސް ސިފައަކީ އަޚްލާޤެވެ.

ތިމާމެންނީ ދީންދެކެ ލޯބިވާ ބައެއްކަމަށް ހެދިގެން އުޅޭއިރު އިސްލާމް ދީނުގައި އެންމެ މުހިއްމު ސިފައަކީ އަޚްލާޤުކަން މިބައިމީހުންނަކަށް ނޭގެއެވެ. ބަދުއަޚްލާޤަކީ މިމީހުންގެ ދީންތާއެވެ. މިމީހުން އަބަދުވެސް އިސްކުރަނީ މަލާމާާތާއި ފުރައްސާރައެވެ. ކުފުރާއި ލާދީނުގެ ލޭބަލްޖެހުމެވެ. މަރުގެ އިންޒާރު ދިނުމެވެ. މިމީހުންގެ ދީނުގައި އަދަބެއް ސަދަބެއް ނޯންނަނީ ތޯއްޗެކެވެ. ރިވެތި އަޚްލާޤާއި ސުލޫކަކީ މިމީހުންނަށް އޮންނަ ސިފައެއް ނޫނީތާއެވެ. އެހެންނާ ޤިޔާމަތް ދުވަހުން ކީރިތި ރަސޫލާއާ އެންމެ އަރިސްކޮށް އުޅުމުގެ ނަޞީބުވެރިއަކީ އަޚްލާޤީ ގޮތުން އެންމެ ރިވެތި ސުލޫކު އިޚްތިޔާރު ކުރާމީހާ ކަމުގައި ރަސޫލާ ވަނީ އަންގަވާފައެވެ. މިބަސްފުޅުތައް އަންގަވާފައި މިވަނީ މިމީހުންގެ ރަސޫލާ ނޫންބާއެވެ!

ޖިންސު ބަދަލު ކުރެވޭނެބާ!

ޝައްކެއްނެތެވެ. މިބުނެވޭ ދިވެހި ޒުވާނާ އޭނާގެ ހަށިގަނޑަށް ވެރިވަމުންދާ ނަފްސާނީ، ޖިސްމާނީ ކެކުޅުންތަކާއި ބަދަލުވަމުންދާ ހޯމޯންސްގެ އޮއިވަރުގެ ސަބަބުން ކަމާބެހޭ ތަޖްރިބާކާރުންގެ ބެލުމުގެ ދަށުން އޭނާގެ ހަށިގަނޑާއި ސިކުނޑި ވަކިގޮތަކަށް ހާނުވައި ޖިންސު އިސްލާހުކޮށް އަންހެން ވަންތައިން ފިރިހެން ވަންތައަށް ބަދަލުކޮށްލިއެވެ. މިއަށް ދިވެހިން ކިޔައި މިއުޅެނީ ޖިންސު ބަދަލު ކުރުމެވެ. އެއީ ޙަޤީޤަތުގައި ޖިންސު ބަދަލު ކުރުމެއް ނޫނެވެ. އެއަށް ކިޔަނީ ޖިންސު އިޞްލާޙު ކުރުމެވެ. މިދުވަސްވަރު މީސްމީޑިޔާގެ ފަލަ ސުރުޚީތަކަށް އަރައި އޭގައި އެންމެ ފާހަގަ ކޮށްލެވޭ ވާހަކައަކަށް އައީ މިބުނެވުނު ދިވެހި އަންހެނާ ޖިންސު ބަދަލު ކުރި ވާހަކައެވެ. މީހަކު ކަމެއް ކުރުމުން އެކަން ކުރި ސަބަބާ ހަމައަށް ވާޞިލުނުވެ އެވާހަކައެއް ދެއްކުމީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އަދި މީހެއްގެ އަމިއްލަ ޒާތީ މުޢާމަލާތަކާ އެހެން މީހުން ބެހިގެން އެމީހަކަށް ބަދުބަސްބުނެ އުޅުމުގެ ޙައްޤެއް އެކަކަށްވެސް އޮންނާނެހެން ހީއެއް ނުވެއެވެ. ދެން އޭނާ ކުރީ ޖިނާއީ ކުށެއްނަމަ އެކަން ބަލާނީ ޝަރީޢަތުންނެވެ.

ކުރީންވެސް ބުނިފަދައިން މިކަމަކީ ޢާއްމުކޮށް ޖިންސު ބަދަލު ކުރުމޭ އަޅުގަނޑުމެން ކިޔައިއުޅޭ، ޢަމަލީ ޖިންސު ބަދަލު ކުރުމެއް ނޫނެވެ. އެއީ ޖިންސު އިޞްލާޙު ކުރުމެވެ. ޢިލްމީ އިޞްޠިލާޙުގައި އެއަށް ކިޔައި އުޅެނީ تصحيح الجنس (Sex Correction) އެވެ. މިގޮތުން އިންސާނުން ބޭސްފަރުވާގެ ޒަރީޢާއިން ޖިންސު އިޞްލާޙު ކޮށްހެދުމަކީ ވަރަށް ކުރީއްސުރެން ދުނިޔޭގައި ހިނގަމުން އަންނަ ކަމެކެވެ.

ޖިންސު ބަދަލު ކުރުމަކީ ކޮބާ!

އަޅުގަނޑުގެ ސުވާލަކީ ޖިންސު ބަދަލު ކުރުން ކިޔަނީ ކޮން ކަަމަކަށްތޯއެވެ؟ އޭގެ ތަޢާރުފު ކުރަމުން އިންސައިކޮލުޕީޑިޔާގައި ބުނެފައި ވަނީ

It may include hormone replacement therapy (LHR T) when moving from females to males or males to females to modify the secondary sexual characteristics, and sex reassignment surgery (such as the eradication of testicular) to change the primary sex characteristics, chest surgery, such as upper surgery or breast augmentation, or shaving Tracheostomy and facial feminization surgery or permanent hair removal in the case of trans women މިއެވެ.

އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިގޮތަށް ޖިންސު ބަދަލު ކުރަނީއަކީ ހަމަ މިހެން ހުރެ އާދައިގެ ރަނގަޅު މީހެއްގެ ވަކި ގުނަނެއް ނަގާފައި އަނެއް ގުނަނެއް އިންދާލުމަކަށް ނޫނެވެ. އަދި އެކަން ކޮށްއުޅޭ ގޮތެއްވެސް ނޫނެވެ. އެއީ އެއަށްވުރެން މާފުޅާ ދާއިރާއެއްގައި ނާޒުކު ދަނޑިވަޅުގައި ކުރެވޭ ކަމެކެވެ. އެހެނީ އެފަދަ މީހުންނީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެމީހުންގެ ހޯމޯންސްތައް އާދައިގެ ޙާލަތާ ޚިލާފަށް ބަދަލުވަމުން އެމީހުންގެ ސިކުނޑިއަށާއި ހަށިގަނޑަށް ބަދަލުތަކެއް އަންނަމުންދާ ބައެކެވެ. އެފަދަ މީހާއަށް އަންނަ ބަދަލު ހަމައަކަށް އަޅުވައި މުޖްތަމަޢުގައި އޭނާއަކީ ވެސް އުޅެވޭ ކަހަލަ މީހަކަށް ހެދުމުގެ ގޮތުން އޮޕަރޭޝަނަކުން އެކަން ބަދަލު ކުރުމުގެ އިތުރުން ނަފްސާނީ ޑޮކްޓަރުން ވެސް އެފަދަ މީހާއަށް ފަރުވާދީ އެމީހާ އަޞްލު ފިރިހެނަކަށް ނުވަތަ އަންހެނަކަށް ބަދަލުކުރާނެއެވެ. ވަކިކަހަލަ ގުނަވަނެއް އެކަންޏެއް ނޫނެވެ. މުޅި ހަށަގަނޑާއި ނަފްސެވެ.

ޖިންސު އިސްލާޙު ކުރުމުގެ ދީނީ ޙުކުމް:

ޖިންސު އިޞްލާޙު ކުރުމަކީ ކޮބައިތޯ ބަލާއިރު އެއާމެދު މިއަދު ދީނީ ޢިލްމުވެރިން ފަތުވާ ދެއްވައި އިރުޝާދު ދެއްވާފައި ވެއެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި ހުއްދަވާ ޙާލަތްތަކާއި ހުއްދަ ނުވާ ޙާލަތަކެއް ހުރެއެވެ. އެހެންކަމުން ހުއްދަވާ ޙާލަތްތަކާއި ހުއްދަ ނުވާ ޙާލަތަކީ ކޮަބައިތޯ، މިއީ އުފެދޭ ސުވާލެކެވެ. އިސްލާމީ ދުނިޔޭގައި މިމައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ އީރާންގައެވެ. އެޤައުމުގައި މިފަދަ މީހުންގެ ގިނަ ކަމާހުރެ އެޤައުމުގެ ރޫޙާނީ ލީޑަރު، އާޔަތުﷲ ޚުމައިނީ ފަތުވާ ދެއްވީ އެގޮތަށް އިޞްލާޙު ކުރުމީ ހުއްދަ ކަމެއް ކަމަށާއި އެފަދަ އޮޕަރޭޝަން ކުރާ މީހުންގެ ފަރުވާއަށް ކުރާ ޚަރަދަށް ސަރުކާރުން އެހީތެރި ވާނެ ކަމަށެެވެ.

މައްސަލައިގެ ބަހުސު ކުރުމުގައި ޝިޔާ މަޛްހަބުން ސުއްނީ މަޛްބަހަށް ވަދެލާނަމެވެ. އެބޭފުޅުންގެ ފަތުވާތަކަށް ބަލާއިރު އަޒުހަރުގެ ކުރީގެ ރައީސު ފަޟީލަތުއް ޝައިޚު ޢަލީ ޖާދުލް ޙައްޤާއި މިޞުރުގެ ކުރީގެ މުފްތީ ޝައިޚު ޢަލީ ޖުމްޢާއާއި ސަޢުދީ ޢަރަބިޔާގެ ކުރީގެ މުފްތީ ސަމާޙަތުއް ޝައިޚު ބިން ބާޒާއި މިނޫންވެސް ބޭފުޅުންވަނީ މިކަމާބެހޭ ފަތުވާ ނެރުއްވައި ހުއްދަވާ ޙާލަތްތަކާއި ހުއްދަ ނުވާނެ ޙާލަތްތައް ބަޔާން ކުރަށްވާފައެވެ. ތިރީގައި މިވަނީ މިކަމާބެހޭ ބައެއް ފަތުވާތަކެވެ.

1- އަޒުހަރުގެ ދީނީ ރައުޔު:

އަޒުހަރުގެ ދީނީ ރައުޔު އަޑު އައްސަވާލައްވާށެވެ. އަދި އޭގައި ދުނިޔޭ ކަންކޮޅުތަކުން ޢިލްމުވެރިން އެކަމަށް އެއްބަސްވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައި ވެއެވެ.

https://www.youtube.com/watch?v=gtZrFsbRB5A

2- ސަޢޫދީ ޢަރަބިޔާގެ ދީނީ ފަތުވާ މަޖްލިސް:

ޝައިޚު އަލްމުންޖިދު އޭނާގެ ސައިޓުގައި ސަޢޫދީ ޢަރަބިޔާގެ ކުރީގެ މުފްތީއާއި އެތާގެ ފަތުވާ ކޮމެޓީގެ ފަތުވާ މިފަދައިން ނެރުއްވާފައި ވެއެވެ.

https://rb.gy/rmxtui

3- އަލްބަލަދު މަޖައްލާގައި މިޞުރުގެ ކުރީގެ މުފްތީ ޢަލީ ޖުމްޢާވެސް އެއީ ކުރުން ހުއްދަކަމެއް ކަމުގައި ފަތުވާ ދެއްވައި މިފަދައިން ބަޔާން ނެރުއްވާފައި ވެއެވެ.

https://www.elbalad.news/4307716

4- އަދިވެސް ދުނިޔޭގެ ވަރަށް ގިނަ ފަތުވާ ކޮމެޓީތަކުން މިގޮތަށް މިކަން ހުއްދަކަމަށް ފަތުވާ ނެރެފައި ވެއެވެ. އޭގެ ތެރޭގައި އެމެރިކާގެ މުސްލިމު ފަތުވާ ކޮމެޓީއާއި އޮސްޓްރެލިޔާގެ ޢުލަމާ މަޖިލީހުގެ ފަތުވާއާއި ޔޫރަޕުގެ ޢުލަމާ މަޖިލީހާއި އެނޫންވެސް އިސްލާމީ ޤައުމުތަކުގެ ފަތުވާ މަޖިލިސްތަކާއި މިއެންމެހައި ތަންތަނުންގެ ފަތުވާތަކެވެ.

އަންހެނުން ފިރިހެން ހެދިގެން އުޅުމާއި ފިރިހެނުން އަންހެންދުޅާ ވެގެން އުޅުން:

ދެން އުފެދޭ ސުވާލަކީ ޙަރާމޭ ކިޔައިގެން ކުފުރަށް ގޮވާ މީހުން ގެންނަ ދަލީލުގެ ވާހަކައެވެ. ކީރިތި ރަސޫލާވަނީ އަންހެނުން ފިރިހެން ވެގެން އުޅުމާއި ފިރިހެނުންގެ ހެދުން ލުމާއި ހަމައެފަދައިން ފިރިހެނުން އަންހެން ދުޅާވެގެން އުޅުމާއި، އަންހެން ހެދުން ލައިގެން އަންހެން ދުޅާވެގެން އުޅޭ މީހުންނަށް ލަޢުނަތް ލައްވާފައިވުމުގެ ވާހަކައެވެ. ޢިލްމުވެރިން ވިދާޅުވަނީ އެއީއަކީ މިކަމާ ގުޅުމެއްހުރި ވާހަކައެއް ނޫން ކަމަށެވެ. އެޙަދީޘްފުޅުގެ މުރާދަކީ ތިމާ އަމިއްލައަށް ހެދުމްއެޅުމާއި ދިރިއުޅުމުގައި އަނެއް ޖިންސުގެ ވައްތަރު ޖައްސައިގެން އުޅުމެވެ. މިތާގައި އަޅުގަނޑުމެން މިދައްކަނީ ޤުދުރަތީ ގޮތުން އެމީހާއަށް އައިސްފައިވާ ޖިސްމާނީ، ނަފްސާނީ ބަދަލެއްގެ ވާހަކައެވެ. މިކަމަކީ އެމީހާއަަކަށް ތިމާއަމިއްލައަށް ބާރުނުފޯރުވޭ ކަމެކެވެ. އެހެންކަމުން ބަހުސު ކުރެވޭ މައްސަލައާ މިޙަދީޘާ އެއްވެސް ގުޅުމެއްނެތެވެ. މީހަކު ތިމާގެ ޖިންސު އިޞްލާޙު ކުރުމުން އެހެންބަޔަކު އެކަމަށް ނުރުހުން ފާޅުކުރާނަމަ އޭނާ ޤުދުރަތީ ގޮތުން ޚުންޘާއެއްގެ ގޮތުގައި އުުޅުނު ހިނދު އޭނާއާމެދު ހަމްދަރްދީވީ މީހަކު އޭނާގެ ނިކަމެތި މައިންބަފައިނޫނީ ނެތެވެ. އެހެންކަމުން ތިމާއާ ނުބެހޭކަންކަމާ ނުބެހުން ބުއްދިވެރިވާ ވާހަކަ ދަންނަވަމުން މިވާހަކަ ކުރުކޮށްލާނަމެވެ. އަދި މިކަމަކީ ނިސާ ސޫރަތުގެ 119 ވަނަ އާޔަތުގައި ބަޔާންކުރަށްވާފައިވާ "ﷲގެ އުފެއްދުވުން ބަދަލުކުމާ" ގުޅުމެއް ހުރި ކަމެއްވެސް ނޫނެވެ.

އަޅުގަނޑުގެ ދުޢާއަކީ މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާ ދަރިން އެންމެހައި އައިބުތަކުންނާއި ބަލިމަޑުކަމުން މިންޖު ކުރެއްވުމާއެކު އެކުދިންނަކީ ދީންދެކެ ލޯބިވާ ހެޔޮލަފާ ކުދިންކަމުގައި ލެއްވުމެވެ. އާމީން!