އަފްޣާނިސްތާންގެ ހަމަނުޖެހުން މައިތިރިކޮށް ތާލިބާން ކޮންޓްރޯލް ކުރުމަށް ޕާކިސްތާނުން މަސައްކަތް ނުކުރާކަމަށް އަފްޣާނިސްތާން ރައީސް އަޝްރަފް އަބްދުލްޣަނީ ހާމަކުރައްވައިފިއެވެ. ޕާކިސްތާނަށް ފާޑު ވިދާޅުވަމުން އޭނާ ވިދާޅުވީ ޕާކިސްތާންގެ ބޮޑު ވަޒީރު އިމްރާން ޚާނާއި ސިފައިންގެ ޖެނެރަލުން ދެއްވި ގެރެންޓީއަށްފަހުވެސް ތާލިބާނުން ސުލްހައިގެ ވާހަކަތަކަށް އައުމަށް އެމީހުންނަށް އިސްލާމްއާބާދުން ބާރު އަޅާފައި ނުވާ ކަމަށެވެ. އަދި ތާލިބާނުން އަފްޣާނިސްތާންގެ ސަރަހައްދުތައް ހިފައި އެތަންތާނގައި ހުޅުޖަހަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަފްޣާނިސްތާނުގެ ޖާސޫސީ ފަރާތްތަކާ ޙަވާލާ ދީ ރައީސް ޣަނީ ވިދާޅުވީ މިދިޔަ ދުވަސްތަކުގައި އަފްޣާނިސްތާނާށް ތާލިބާންގެ ދިހަ ހާސް ހަނގުރާމަވެރިން ވަދެފައިވާ ކަމަށެވެ.
އަޝްރަފް އަބްދުލް ޣަނީ ވާހަކަ ދައްކަވަމުން ގެންދެވީ ސެންޓްރަލް އެންޑް ސައުތު އޭޝިއާ ކޮނެކްޓިވިޓީ ކޮންފަރެންސްގައެވެ.
ރައީސް ޣަނީގެ ފަހުން މި ކޮންފަރެންސްގައި ވާހަކަ ދެއްކެވި އިމްރާން ޚާން ވިދާޅުވީ، އަފްޣާނިސްތާންގެ ޙާލަތާމެދު ޕާކިސްތާން ބަދުނާމު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމުގައެވެ. އޭނާ ވިދާޅުވިގޮތުގައި ޕާކިސްތާނަކީ އަފްޣާނިސްތާންގެ ސުލްހައިގެ ބައިވެރިއެކެވެ. އަދި ޕާކިސްތާންގެ ފަރާތުން އަފްޣާނިސްތާންގެ ސުލްޙައަށް ކޮށްދެވެން ހުރި ހުރިހައި މަސައްކަތެއް ކުރާނެ ކަމަށް ޚާން ވިދާޅުވިއެވެ.