ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި ޓޫރިޒަމް މިނިސްޓްރީގެ ގައިޑްލައިންތަކާ ހިލާފުވުމުން މާލެ ސަރަހައްދުގެ ތިން ގެސްޓްހައުސްއެއް ސަސްޕެންޑްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ދެކުނު އޭޝިއާގެ ފަތުރުވެރިންނަަށް ހިދުމަތް ދިނުމުގައި އޮންނަ އުސޫލަށް އަމަލު ކުރަމުންދޭތޯ ބެލުމަށް މިހާރު އެ މިނިސްޓްރީން ކުރިއަށްގެންދާ އިންސްޕެކްޝަންތަކުގައި އެ މިނިސްޓްރީން މާލެ ސަރަހައްދުގެ ތިން ގެސްޓްހައުސްއެއްގެ އޮޕަރޭޓިންގ ލައިސަންސް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

އެ ގެސްޓްހައުސްތަކުގައި ތިބި ދެކުނު އޭޝިޔާގެ ޓޫރިސްޓުން ކަރަންޓީނުވާން ރިސޯޓުތަކަށް ދިއުމަށް މިނިސްޓްރީއިން ވަނީ ފުރުސަތުދީފަ އެވެ.

ކޮވިޑާ ގުޅިގެން މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރީންނަށް ޓޫރިސްޓް ވިސާ ދިނުން ވަނީ ވަގުތީ ގޮތުން ހުއްޓާލައިފައެވެ.

އެ ނިންމުން ބަދަލުކޮށް، ސައުތު އޭޝިއާގެ ފަތުރުވެރިންނަށް ވަކި އުސޫލެއްގެ ދަށުން ރާއްޖެއަށް އާދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސި ނަމަވެސް ގެސްޓުހައުސްތަކާއި ޓޫރިސްޓު ހޮޓާތައް އެމީހުންނަށް ހުޅުވާލާފައެއް ނުވެ އެވެ.