ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް އެރަށުން ބޮޑު ބިމެއް އެކަމަށް ހާއްސަ ކުރާތީ އުފެދުނު ހިޔާލުތަފާތުވުން ތަކަށް ހައްލު ހޯދައިފި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ ހަނިމާދޫ އަށް ވަޑައިގެން އެރަށު ކައުންސިލާއި ރައްޔިތުންނާ ބައްދަލުކުރައްވާ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން ހަނިމާދޫ ބިމުގެ މައްސަލަ ހައްލުކުރަން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވެ އެވެ. މި ބައްދަލުވުމުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއާ މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައްޔިތުން ވަނީ ހިއްސާކޮށްފަ އެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއެއްސެވުމަށްފަހު އެއާޕޯޓު ތަރައްގީކުރަން ބިން ކަނޑައަޅާފައިވާ ގޮތަށް ބައެއް ބަދަލު ގެނެސް ރައީސް ސޯލިހު ވަނީ އެމައްސަލައަށް ހައްލު ހޯއްދަވައިދެއްވާފައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވަނީ ވިދާޅުވެފަ އެވެ.